ނޮވެލް ކޮރޯނާވައިރަސް ކޮވިޑް-19 އެއްވެސް ގައުމަކުން ނުފެންނާނެ ކަމަށް ހީކުރުމަކީ ގޯހެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސޫސޭސް ވިދާޅުވެއްޖެއެވެ.

މިއަދު ޖެނީވާގައި ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޓެޑްރޯސް ވަނީ ކޮވިޑް-19 އާއި ދެކޮޅަށް ދުނިޔެ އިން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ޑަބްލިއުއެޗްއޯ އިން ދެމުން ގެންދާ އިރުޝާދުތައް އަނެއްކާވެސް ތަކުރާރު ކުރައްވާފައެވެ.

"ބަލީގެ މައްޗަށް ނަސްރު ހޯދަން މަސައްކަތް ކުރަން ޖެހޭ ވަގުތު މިއީ. މިއީ ވަރަށް ވިސްނުންތެރިކަމާއިއެކު، ސީދާ މައްސަލަތައް ސަމާލުކަން ދީގެން މަސައްކަތް ކުރަން ޖެހޭ ވަގުތު." ޓެޑްރޯސް ވިދާޅުވިއެވެ.

އޭނާ މިއަދު ވެސް ވިދާޅުވީ ކޮވިޑް-19 ދުނިޔެއަށް ފެތުރިގެން ހިނގައިދާނެ ކަމަށާއި ނަމަވެސް އެކަން ކޮންޓްރޯކް ކުރަން ފިޔަވަޅުތައް އެކަށީގެންވާ ގޮތެއްގައި އެޅެމުން ދާނަމަ ބަލި ކޮންޓްރޯލް ކުރުން އެއީ ނުކުރެވޭނެ ވަރުގެ ކަމެއް ނޫން ކަމަށެވެ.

"އެއްވެސް ގައުމަކުން ހީކޮށްގެން ނުވާނެ އެގައުމަށް ކޮވިޑް-19 ނާންނާނެއޭ. އެފަދަ ވިސްނުމެއް ގެންގުޅެފިނަމަ އެގައުމަކުން އެހަދަނީ ވަރަށް ބޮޑު ގޯހެއް." ޓެޑްރޯސް ވިދާޅުވިއެވެ.

ކޮވިޑް-19 މުޅި ދުނިޔެއަށް ފެތުރިގެން ހިނގައިދާނެ ކަމަށް ތައްޔާރުވެ ތިބުމަށް ޑަބްލިއުއެޗްއޯ އިން ކުރިން ވެސް ވަނީ ގޮވާލާފައެވެ.

ނަމަވެސް ޑަބްލިއުއެޗްއޯ އިން ބައްޔާއި ގުޅިގެން އެކަށީގެންވާ ރަނގަޅު އިރުޝާދުތަކެއް ގައުމުތަކަށް ނުދޭކަމަށް ބުނެ ޑަބްލިއުއެޗްއޯގެ ލީޑާޝިޕަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި އީރާން، އިޓަލީވިލާތް އަދި ދެކުނު ކޮރެއާގައި އިތުރަށް ބަލި ފެތުރި އަދި އެގައުމުތަކުން އެހެން ގައުމުތަކަށް ބަލި ފެތުރެމުން ދާއިރު ޑަބްލިއުއެޗްއޯގެ ދައުރު އެޖަމިއްޔާ އަށް އެކަށީގެންވާ ގޮތުގައި އަދާކުރެވެމުންނެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު