މެލޭޝިއާގެ ބޮޑުވަޒީރު ކަމާއި ހަވާލުވުމަށް އަންވަރު އިބްރާހީމްގެ ތާއިދު ލިބިފައިވާ މަހާތީރު މުހައްމަދުގެ ބަދަލުގައި ވެރިކަމަށް މުހިއްދީން ޔާސީން ހަމަޖައްސަން ނިންމަފައިފިއެވެ.

މިގޮތަށް ހަމަޖައްސާފައިވަނީ މެލޭޝިއާގެ ރަސްގެފާނު، ޕަހަންގުގެ ސުލްތާން އަބްދުﷲ ކަމަށް އެގައުމުގެ މީޑިއާތަކުން ވަނީ ބުނެފައެވެ. މެލޭޝިއާގެ 18 ވަނަ ބޮޑު ވަޒީރުގެ މަގާމަށް މުހިއްދީން ޔާސީން ހަމަޖެއްސިކަން ޝާހީ އޮފިޝަލުން މިއަދު ވަނީ އިއުލާންކޮށްފައެވެ.

އެގައުމުގެ 18 ވަނަ ބޮޑު ވަޒީރު ކަމުގެ ހުވާ މުހިއްދީން ކުރައްވަން ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ.

އެގައުމުގެ ރަސްގެފާނު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކުރީގެ ހޯމް މިނިސްޓަރު އަދި ބާސަތު ޕާޓީގެ ރައީސް މުހިންދީން ޔާސީންއާ ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވުން އޮންނާނީ މާދަމާ ކަަމަށެވެ. އަދި ޕާޓީގެ ޗެއާމަންގެ މަގާމުން މަހާތިރު އިސްތިއުފާ ދެއްވާފައިވާ ކަމަށް ބުނެ ވަގުތީ ޗެއާމަންއަކީ މުހިއްދީން ކަމަށްވާތީ އޭނާ ބޮޑު ވަޒީރު ކަމަށް ހަމަޖެއްސީ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

މި ބަދަލަކީ ރައްޔިތުންނަށް ފައިދާ ކުރާނެ ބަދަލެއް ކަމަށާއި އެއީ އެންމެ ރަނގަޅު ބަދަލު ކަމަށް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން މުހިއްދީންވެސް ވަނީ ޝާހީން ނިންމާފައިވާ އެ ނިންމުމަށް އެގައުމުގެ ރައްޔިތުން ގަބޫލު ކުރުމަށް ގޮވާލާފައެވެ.

މެލޭޝިއާގެ ބޮޑު ވަޒީރު ކަމަށް މުހިއްދީން ހަމަޖެއްސެވިއިރު، މަހާތީރު ވެސް ވަނީ މިއަދު ހެނދުނު އެ މަގާމަށް އާދެވޭވަރަށް އޭނާވެސް ތާއިދު ހޯދާފައިވާ ކަމަށް އިއުލާނު ކޮށްފައެވެ. އެގޮތުން އޭނާ ވަނީ ސިޔާސީ ވާދަވެރިޔާ އަންވަރު އިބްރާހިމްގެ ކޯލިޝަންގެ ތާއިދު ލިބިފައިވާ ކަމަށްވެސް އިއުލާން ކޮށްފައެވެ.