ނޮވެލް ކޮރޯނާވައިރަސް ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 2976 އަށް އަރައިފިއެވެ.

ޗައިނާ އިން މިއަދު އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޗައިނާ އިން އިއްޔެ 35 މީހަކު މަރުވިއެވެ. އަދި އިތުރު 573 މީހަކު ބައްޔަށް ޕޮޒިޓިވް ވިއެވެ.

މިހާތަނަށް ޗައިނާ އިން ވަނީ 2870 މީހުން ކޮވިޑް-19 ގައި މަރުވެފައެވެ. އަދި ދުނިޔޭގެ އެހެން ސަރަހައްދުތަކުން 106 މީހުން ވަނީ މަރުވެފައެވެ.

ޗައިނާ އިން ބަލި ޖެހުނު މީހުންގެ އަދަދު 79824 އަށް އަރައެވެ. ޗައިނާ ފިޔަވައި އެހެން ސަރަހައްދުތަކުން 6672 މީހަކަށް ވަނީ ބަލި ޖެހިފައެވެ. އެހެންކަމުން ބަލި ޖެހުނު މީހުންގެ ޖުމްލަ މިހާރު ވަނީ 86500 އަށް އަރާފައެވެ.

ޗައިނާ އިން މިއަދު ބުނީ އެގައުމުން 41625 މީހަކު ބަލިން އެއްކޮށް ރަނގަޅު ވުމުން ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.

ކޮވިޑް-19 ގެ ބިރުބޮޑުވެ މުޅި ދުނިޔެއަށް ބަލި ފެތުރެމުން ދާއިރު އެކި ގޮތްގޮތުން އެތައް މިލިއަން ބަޔަކަށް ދަނީ ބަލީގެ އަސަރު ކުރަމުންނެވެ.

ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދު ވަނީ 2008 ވަނަ އަހަރު ކުރިމަތިވި އިޤުތިޞާދީ ތަދުމަޑުކަމާއި ދިމާއަށް މިސްރާބު ޖަހާފައެވެ. މިއީ އެތައް މިލިއަން ވަޒީފާއެއް ގެއްލިގެން ހިނގައިދާނެ ކަމެކެވެ. އަދި ތަކެތީގެ އަގު ބޮޑުވެ، އެމެރިކާ ޑޮލަރުގެ އަގު އުފުލިގެން ހިނގައިދާނެ ކަމެކެވެ.

މީގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުން އެތައް ސްކޫލެއް ބަންދު ކުރުމުން އެތައް މިލިއަން ކުދިންނެއް ވަނީ ތައުލީމް އުގެނުމުން މަހްރޫމް ވެފައެވެ. އެހެންކަމުން ބައެއް ފަރާތްތަކުން ސިފަކުރާ ގޮތުގައި މިއީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު އެއް ބިރުވެރިކަމެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރެވެން އޮތް އެންމެ ފަސޭހަ ގޮތަކީ ބޭހެއް ނުވަތަ ވެކްސިނެއް އުފެއްދުމެވެ. ނަމަވެސް އެކަމަށް ހޭދަވާނެ ސީދާ މުއްދަތެއް އަދި ބުނަން ވެސް ނޭނގެއެވެ.