ދެކުނު ކޮރެއާއިން އިތުރު 586 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެ ގައުމުން މިހާތަނަށް 3736 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި އެގައުމުން ކޮވިޑް-19 ޖެހިގެން މިއަދު އެކަކު މަރުވިއިރު، އެ ގައުމުން މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 18 އަށް އަރާފައެވެ.
އެގައުމުގައި ކޮވިޑް-19 ޖެހުނު އެންމެ އުމުރުން ހަގު ކުއްޖާގެ އުމުރަކީ 45 ދުވަހެވެ.
އެއީ ފިރިހެން ކުއްޖެއް ކަމަށާއި، އެ ކުއްޖައަށް ވައިރަސް ޖެހިފައި ވަނީ އެ ކުއްޖާގެ މައިންބަފައިން އެ ވައިރަސް އަށް ޕޮޒިޓިވްވުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންވެ އެ ކުއްޖާ އާއި އެ ކުއްޖާގެ މަންމަ މިހާރު ވަނީ ކަރަންޓީންކޮށްފައެވެ.
އަދި ދެ މައިންގެ ހާލުވެސް ރަނގަޅު ކަމަށް ރިޕޯޓްތައް ބުނެއެވެ.
ކޮވިޑް-19 ޖެހިގެން ގިނަބަޔަކު މަރުވެފައި ވަނީ ޗައިނާއިންނެވެ.
މިހާތަނަށް ޗައިނާ އިން ވަނީ 2870 މީހުން ކޮވިޑް-19 ގައި މަރުވެފައެވެ. އަދި ދުނިޔޭގެ އެހެން ސަރަހައްދުތަކުން 106 މީހުން ވަނީ މަރުވެފައެވެ.