އުމުރުން 60 އަހަރުން މަތީގެ މީހުންނާއި، ބޮޑެތި ބަލިތައް ހުންނަ މީހުން އާއްމުން ގިނައިން އެއްވެސް އުޅޭ ތަންތަނަށާއި ބަލި މީހުންނާއި ބައްދަލުވެދާނެ ތަންތަނަށް ނުދިއުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން އިލްތިމާސްކޮށްފިއެވެ.

ޑަބްލިއުއެޗްއޯގެ އިސްވެރިޔާ ޑރ.ޓެޑްރޯސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 60 އަހަރުން ދޮށީ މީހުން ނުވަތަ ހިތުގެ ބަލި ހުންނަ މީހުންނާއި، ފުރަމެއާއި ނޭވާލާ ނިޒާމްގެ ބަލި ހުންނަ މީހުންނާއި ހަކުރު ބަލި ހުންނަ މީހުންނަށް ކޮވިޑް-19 ޖެހުމުގެ ނުރައްކާ ބޮޑު ކަމަށާއި އެފަދަ މީހުން އާއްމުން އެއްވާ ތަންތަނަށާއި، ބަލި މީހުންނާއި ބައްދަލުވެދާނެ ތަންތަނަށް ނުދިއުމަށް އިލްތިމާސް ކުރާކަމަށެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު ކޮވިޑް-19 ޖެހިގެން ގިނައިން މަރުވަނީ އުމުރުން ދޮށީ މީހުންނާއި ބޮޑެތި ބަލިތައް ޖެހިފައި ތިބި މީހުންނެވެ.

ޗައިނާ އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އުމުރުން 50 އަހަރުން ދަށުގެ މީހުން މަރުވާ ނިސްބަތް އުޅެނީ 0.2 އިންސައްތަ އާއި 0.4 އިންސައްތަ އާއި ދެމެދުގައެވެ. 50 އަހަރާއި 60 އަހަރާއި ދެމެދުގެ މީހުން މަރުވާ ނިސްބަތް އުޅެނީ 1.3 އިންސައްތައިގައެވެ. 60 އަހަރާއި 70 އަހަރާއި ދެމެދުގެ މީހުން މަރުވާ ނިސްބަތް އުޅެނީ 3.6 އިންސައްތައިގައެވެ. އަދި އުމުރުން 80 އަހަރަށް ވުރެ ދޮށީ އުމުުރުގެ މީހުން މަރުވާ ނިސްބަތް އުޅެނީ 14.8 އިންސައްތައިގައެވެ.

ޑިސެމްބަރ މަހު ޗައިނާގައި ފެތުރެން ފެށި ކޮވިޑް-19 މިހާރު ވަނީ ވަރަށް ގިނަ ގައުމުތަކަކަށް ފެތުރިފައެވެ. ޗައިނާގައި ބަލި ފެތުރުން ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ވަމުން އަންނަ ކަމުގެ ނިޝާންތައް ފެނުނު ނަމަވެސް އިޓަލީވިލާތް، ދެކުނު ކޮރެއާ އަދި އީރާންގައި އަންނަނީ ހަލުވިކަމާއި އެކު ބަލި ފެތުރެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލަކަ

    ވޯޓްލުންވެސް ކެންސަލްކުރޭ.