ދެކުނު ކޮރެއާ އިން އަނެއްކާވެސް އިތުރު 476 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ބަލި ޖެހިފައިވާ މީހުންގެ ތެރެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

ދެކުނު ކޮރެއާ އިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 22 އަށް އަރާފައެވެ. އެންމެ ހަލުވިކަމާއި އެކު ބަލި ފެތުރެމުންދާ ގައުމުތަކުގެ ތެރޭގައި ދެކުނު ކޮރެއާ ހިމެނެއެވެ. އެގައުމުން މިހާތަނަށް 4212 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

ދެކުނު ކޮރެއާ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 60 އިންސައްތަ މީހުންނަކީ ދެކުނުގައި އޮންނަ ޑެގޫ ސިޓީ އަށް ނިސްބަތްވާ މީހުންނެވެ. އެސިޓީގައި ބަލި ފުރަތަމަ ފެތުރިގެން ދިޔައީ ބުދުފައްޅިއަކަށް ޒިޔާރަތް ކުރި މީހުންގެ ތެރޭގައެވެ.

މިއަދު ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 377 މީހުންނަކީ ވެސް ޑެގޫ ސިޓީއަށް ނިސްބަތްވާ މީހުންނެވެ.

ގެއޮންގީ ޕްރޮވިންސާއި ވެރިރަށް ސޯލްގައި ވެސް މިހާރު ދަނީ ކޮވިޑް-19 ފެތުރެމުންނެވެ.

ދެކުނު ކޮރެއާ އިން މިހާރު ގެންދަނީ ބަލި މީހުން އެޑްމިޓް ކުރުމަށް އިތުރު ތަންތަން ތައްޔާރު ކުރަމުންނެވެ.

ކޮވިޑް-19 ފެތުރެމުންދާތީ ދެކުނު ކޮރެއާ އިން ވަނީ ފެބްރުއަރީ 23 ވަނަ ދުވަހު "ރެޑް އެލާޓް" ވެސް ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު