އިންޑިއާގައި މީގެ ހަތް އަހަރު ކުރިން ރޭޕްކޮށް މަރާލި ނިރްބަޔާގެ މަރުގެ މައްސަލާގައި ހަތަރު މީހަކު ދަންޖެއްސުން މާދަމާ ހެނދުނު ބާއްވާނެ ކަމަށް އިންޑިއާގެ ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

އެ މީހުން ދަން ޖެއްސުމަށް ޖަމަޖެހިފައި ވަނީ މާދަމާ ހެނދުނު 6:00 ގައެވެ.

އެ މައްސަލާގައި ދަންޖައްސަން ހުކުމްކޮށްފައި ވަނީ ހަތަރު މީހެެއްގެ މައްޗަށެވެ. އެ މައްސަލަ މަޑުޖައްސާލަން އެދުނު އެދުމަށް ނުބަލައި، އެ މީހުން މާދަމާ ދަންޖެއްސުމަށް ދިއްލީ ކޯޓުން ވަނީ ނިންމާފައެވެ.

ދަ ޕަޓިއަލާ ކޯޓުން ވެސް ކުރިން ވަނީ އަކްޝޭ ތަކުރް 31، އާއި ޕަވަން ގުޕްތާ 25އ، އަދި މުކޭޝް ސިންގް 32އ ދަންޖެއްސުން ފަސްކޮށްލުމަށް ހުށަހެޅި ހުށަހެޅުން ބަލައިނުގަނެފައެވެ.

އަދި ޕަވަން ގުޕްތާ ހުށަހެޅި ޕެޓިޝަން ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފައެވެ.

ނިރްބަޔާ މަންމަ ބުނީ، ކޯޓުގެ ވަގުތުތައް އެ މީހުން ބޭކާރުކޮށްލާފައިވާ ކަމަށާއި، އެ މީހުން މާދަމާ ދަން ޖައްސާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

މީގެ ކުރިންވެސް މި މީހުން މަރަން ދެފަހަރަކު ތާވަލު ކުރިއެވެ.

އެ މައްސަލާގައި ހަ މީހަކު ހައްޔަރުކުރިއެވެ. އޭގެ ތެެރެއިން އެކަކީ ކުޑަ ކުއްޖެއްކަމަށް ކަށަވަރުވެފައިވާތީ އޭނާ ވަނީ ތިން އަހަރު އިސްލާހިއްޔާގައި ބަންދުކޮށްގެން ބެހެއްޓުމަށްފަހު ދޫކޮށްލާފައެވެ. އޭގެ އިތުރުން އެ މައްސަލާގައި ހިމެނޭ އެކަކު ވަނީ ޖަލުގައި ދަން ޖެހިގެން މަރުވެފައެވެ.

ޑޮކްޓަރަކަށް ވުމަށް ހުވަފެން ދެކެމުން އައި ނިރްބަޔާ މަރުވިއިރު، އުމުރަކީ 23 އަހަރެވެ. އޭނާ ގޭގް ރޭޕްކޮށްފައި ވަނީ ބަހެއްގެ ތެރޭގައެވެ. އެ ބަސް ތެރޭގައި ރޭޕްކޮށް، އޭނާއަށް ވަރަށް އަނިޔާކޮށްފައި ވެއެވެ. އަދި އޭނާ ބަރަހަނާ ހޭލުގައި މަގުމައްޗަށް އެއްްލާލީ އެ މީހުންނެވެ. އެއިރު އޭނާގެ ގައިން ލޭވެސް ފައިބަމަުން ދިޔައެވެ.

ނިރްބަޔާ ރޭޕްކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. އޭނާ އެ ދުވަހަށް ބަހަށް އެރީ ރަހުމަތްތެރިއަކާއެކު ފިލްމެއް ބަލަން ގޮސް، އެނބުރި ގެއަށް ދިއުމަށެވެ.