ކޮވިޑް-19 ޖެހިގެން ފްރާންސުން އިތުރު ދެ މީހަކު މަރުވެއްޖެއެވެ.

މިއާއިއެކު މިއަދު ފްރާންސުން މަރުވި މީހުންގެ އަދަދު ވަނީ ހަތަރަކަށް އަރާފައެވެ.

އެ ގައުމުން މިހައިތަނަށް ވައިރަސް އަށް ޕޮސިޓިވްވި މީހުންގެ އަދަދު ވަނީ 130 އަށް އަރާފައަވެ.

ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ޔޫރޮޕްގެ ގައުމަކީވެސް ފްރާންސެވެ. ފްރާންސުން ބަލި ޖެހުނު މީހުންގެ ތެރެއިން 11 މީހަކު މިހާތަނަށް ވަނީ ބަލިން ރަނގަޅު ވެފައެވެ.

ކޮވިޑް-19 ފެތުރެމުންދާތީ ފްރާންސުން ވަނީ އެއްވެސް އިމާރާތެއްގެ އެތެރޭގައި މީހުން އެއްވެގެން ބާއްވާ އެއްވެސް ހަރަކާތެއް ބޭއްވުން މަނާކޮށްފައެވެ. އަދި އާއްމު ތަންތަނަށް މީހުން އެއް ނުވުމުން ވަނީ އިލްތިމާސް ކޮށްފައެވެ.

ފަތުރުވެރިންގެ މެދުގައި މަގުބޫލް ގިނަ ތަންތަނަށް ވެސް ފްރާންސުން މިހާރު ވަނީ ބަންދުކޮށްފައެވެ.

މިއަދު މިހާތަނަށް 1823 މީހަކު ވަނީ އެކި ގައުމުތަކުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. މިއަދު އެކަނިވެސް 71 މީހަކު ވަނީ މަރުވެފައެވެ. މިހާތަނަށް 90211 މީހަކަށް ވަނީ ބަލި ޖެހިފައެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 3080 މީހުން މިހާރު މަރުވެއްޖެއެވެ. 45702 މީހަކު ބަލިން ރަނގަޅު ވެއްޖެ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ، މިހާރު ފަރުވާ ދެމުން ގެންދާ މީހުންގެ ތެރެއިން 7400 މީހެއްގެ ހާލު ސީރިއަސްއެވެ.

ޗައިނާ އިން މިހާރު ކޮވިޑް-19 ކޮންޓްރޯލް ކުރެވެމުންދާ ކަމުގެ ނިޝާންތައް ފެންނަމުން ދިޔަ ނަމަވެސް އިޓަލީވިލާތް، ދެކުނު ކޮރެއާ، އީރާން އަދި ޖަޕާންގައި ހާލަތު އިތުރަށް ގޯސްވަމުންދާ ކަމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ.