ޓިއުނޭޝިއާ އިން ކޮވިޑް-19 ފެނިއްޖެއެވެ.
ޓިއުނޭޝިއާގެ ހެލްތު މިނިސްޓަރ އަބްދުލްލަތީފް އަލް-މައްކީ ދެންމެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އެގައުމުގެ ފިރިހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
ހެލްތު މިނިސްޓަރ އަލް-މައްކީ ވިދާޅުވީ ޓިއުނޭޝިއާ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މިދިޔަ ހަފްތާގައި އިޓަލީވިލާތުން އެގައުމަށް އައި މީހެއް ކަމަށެވެ.
ޓިއުނޭޝިއާ އަކީ އެފްރިކާގެ އެންމެ އުތުރުން އައްސޭރިފަށުގައި އޮންނަ ގައުމެކެވެ. އެގައުމާއި އެންމެ ކައިރި ގައުމުތަކުގެ ތެރޭގައި އިޓަލީވިލާތް ހިމެނެއެވެ. ޓިއުނޭޝިއާއަށް އިޓަލީވިލާތުގެ ގިނަ އަދަދެއްގެ ފަތުރުވެރިން ވެސް ޒިޔާރަތް ކުރެއެވެ.
ޓިއުނޭޝިއާގައި ބަލި ފެތުރެން ފަށައިފިނަމަ އެކަން ވެގެން ދާނީ ވަރަށް ބޮޑު ބިރުވެރިކަމަކަށެވެ. ސަބަބަކީ 2011 ވަނަ އަހަރު އެގައުމަށް ގެނައި އިންތިގިލާބަށް ފަހު އަދިވެސް ގައުމުގެ ކަންކަމަށް ހަމަޖެހުން އައިސްފައި ނުވުމެވެ. ސިއްހީ ނިޒާމް ވެސް އޮތީ އެންމެ އެކަށީގެންވާ ގޮތަކަށް ނޫނެވެ. އެހެންކަމުން ނުރައްކާތެރި ބައްޔެއް ފެތުރެން ފަށައިފިނަމަ އާބާދީގެ ބޮޑު ބަޔަކަށް ބަލި ފެތުރިގެން ދިއުމުގެ ބިރު ވަރަށް ބޮޑެވެ.
ޓިއުނޭޝިއާ ސަރުކާރުން ވެސް ވަނީ ކޮވިޑް-19 އެގައުމުގައި ފެތުރެން ފަށައިފިނަމަ ކޮންޓްރޯލް ކުރަން ދަތިވެދާނެ ކަމަށް މިދިޔަ ހަފްތާގައި ބުނެފައެވެ. ނަމަވެސް އިޓަލީވިލާތާއި ޓިއުނޭޝިއާއާ ދެމެދު އޮންނަ ފްލައިޓް ދަތުރުތައް ވެސް އަދި މިހާތަނަށް ހުއްޓާލާފައެއް ނުވެއެވެ.
ޓިއުނޭޝިއާ އާއި އިން ވެގެން އޮންނަ ގައުމުތަކުގެ ތެރޭގައި އަލްޖީރިއާ އާއި ލީބިޔާ ހިމެނެއެވެ. އެދެގައުމާއި އިންވެގެން އެފްރިކާގެ ގިނަ ގައުމުތަކެއް އޮވެއެވެ. އެހެންކަމުން އެސަރަހައްދުގައި ކޮވިޑް-19 ކޮންޓްރޯލެއް ނެތި ފެތުރެން ފަށައިފިނަމަ އިންސާނީ ބޮޑު މުސީބާތަކާއި ކުރިމަތިލާން ޖެހުން ވަރަށް ގާތެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވެސް ވަނީ އެކަށީގެންވާ ސިއްހީ ޚިދުމަތެއް ނެތް އެފްރިކާގެ ގައުމުތަކާއި ދެކުނު އޭޝިއާގެ ގައުމުތަކުގައި ކޮވިޑް-19 ފެތުރެން ފަށައިފިނަމަ ދެން ކުރިމަތިވާނެ ހާލަތު މާބޮޑަށް ވެސް ނުރައްކާ ވާނެ ކަމުގެ އިންޒާރު ކުރިން ވެސް ދީފައެވެ.
ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 88000 އަށް އަރާފައެވެ. އަދި މިބަލީގައި މަރުވި މީހުންގެ އަދަދު މިހާރު 3040 އަށް ވުރެ ގިނައެވެ.