ކޮވިޑް-19 އަކީ ނެތިގެން ދާނެ ވައިރަސްއަކަށް ނުވެދާނެ ކަމަށާއި، އެއީ ކުރިއަށް އޮތްތަނުގައި ކޮންމެ އަހަރަކު ވެސް ފެތުރެމުން ދާނެ ވައިރަސްއަކަށް ވެގެން ހިނގައިދާނެ ކަމަށް ސައިންސްވެރިން ބުނެފިއެވެ.

ކޮވިޑް-19 އަކީ ކޮންމެ އަހަރަކު ވެސް ފެތުރިގެން ދާނެ ވައިރަސްއަކަށް ވެގެން ހިނގައިދާނެ ކަމަށް ބުނެފައި ވަނީ އިނގިރޭސިވިލާތުގެ ސައިންސްވެރިންނެވެ.

ވައިރަސް އެންމެ ފުރަތަމަ ފެތުރުނު، އަދި އެންމެ ބޮޑަށް ވައިރަސް ފެތުރިފައިވާ ޗައިނާގައި މިހާރު ވައިރަސް ކޮންޓްރޯލް ކުރެވެމުންދާ ކަމަށް ތަފާސް ހިސާބުތަކުން ދެއްކި ނަމަވެސް ސައިންސްވެރިން ބުނާ ގޮތުގައި މިއީ ކޮންމެ އަހަރަކު ވަކި މޫސުމެއްގައި ހުމާއި، އިންފެކްޝަން އަދި އާއްމު ރޯގާ އެކޭ އެއްގޮތައް ފެތުރިގެން ހިނގައިދާނެ ވައިރަސް އަކަށް ވުން ވަރަށް ގާތެވެ.

ލަންޑަންގައި ހުންނަ ކްއީން މޭރީ ޔުނިވަސިޓީގެ ޕްރޮފެސަރ ޖޯން އޮކްސްފޯޑް ވިދާޅުވީ ފާއިތުވި 50 އަހަރު މޫސުމީ ރޯގާއެއްގެ ގޮތުގައި ފެތުރެމުން ގޮސްފައިވާ ކޮރޯނާވައިރަސްތައް އެބަހުރި ކަމަށާއި އެހެންކަމުން ކޮވިޑް-19 އަކީ ވެސް އެފަދަ ބައްޔަށް ވުން ވަރަށް ގާތް ކަމަށެވެ.

"މޫސުމީ ރޯގާއެއްގެ ގޮތުގައި ކޮވިޑް-19 ފެތުރޭނެ ކަމަށް ޔަގީންކަމާއި އެކު ބުނާކަށް އަދި ނޭނގޭ. ނަމަވެސް ވައިރަސްގެ ހަރަކާތްތައް ހުންނަ ގޮތައް ބަލާއިރު އެކަމުގެ ހެކިތައް އެބަފެނޭ. މުޅިން ޔަގީންކަމާއި އެކު ވަކި އެއްޗެއް ބުނަން އެނގޭނީ އަދި ފަހުން." ޖޯން ވިދާޅުވިއެވެ.

ކޮވިޑް-19 ފުރަތަމަ ފެތުރެން ފެށީ ޗައިނާގެ ވޫންހާންގައި ޖަނަވާރު ވިއްކާ މާރުކޭޓަކުންނެވެ. އޭގެ ފަހުން އިންސާނުންގެ ގައިން އިންސާނުންގެ ގަޔަށް ވެސް ބަލި ފެތުރެން ފެށިއެވެ. ވައިރަސްގެ އަސަރު ކުރާ މީހުން ކަރަންޓީން ކުުރުމުގެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ބަލީގެ އަލާމާތްތައް ނުފެނި، އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ބަލި އަރަމުން ދާތީ ވައިރަސް ކޮންޓްރޯލް ކުރަން ވަނީ ބޮޑެތި ދަތިތައް ދިމާވެފައެވެ.

ޖޯންސް ހޮޕްކިންސް ޔުނިވަސިޓީގައި މަސައްކަތް ކުރައްވާ ބަލިތަކުގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ.އަމޭޝް އެޑަލްޖާ ވިދާޅުވީ "ދުވަސްތަކެއް ވަންދެން މިބަލި އަހަރެމެންނާއި އެކު ދެމިގެންދާނެ." ކަމަށެވެ.

"މި ބަލި އިންސާނުންގެ ތެރޭގައި އަދި ދުވަސްތަކެއް ވަންދެން ފެތުރިގެން ދާނެ. މިބަލިން ސަލާމަތް ވެވޭނެ ކަމަށް ލަފާކުރެވެނީ ވެކްސިނެއް އުފެއްދިގެން." އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުނަސް ވައިރަސް އަށް ކުރިއަށް އޮތްތަނުގައި އަދި އިތުރު ބަދަލުތަކެއް އައިސް މިހާރު އުފައްދާ ވެކްސިން މަސައްކަތް ނުކުރާނެ ފަދަ ހާލަތެއް ވެސް އައިސްދާނެ ކަމަށް ވެސް ބައެއް ސައިންސްވެރިން ބުނެއެވެ.