ކޮވިޑް-19 ޖެހިގެން އިޓަލީވިލާތުން އަނެއްކާވެސް އިތުރު 11 މީހަކު މަރުވެ، 335 މީހަކު އަލަށް ބައްޔަށް ޕޮޒިޓިވް ވެއްޖެއެވެ.

ދެންމެ އިޓަލީވިލާތުގެ ސިއްހަތާއި ބެހޭ މިނިސްޓްރީން އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިޓަލީވިލާތުން މިހާތަނަށް ކޮވިޑް-19 ޖެހިގެން 52 މީހުން މަރުވެއްޖެއެވެ. އަދި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 2036 އަށް އަރާފައެވެ. މީގެ ތެރެއިން 166 މީހެއްގެ ހާލު ސީރިއަސް އެވެ.

މިއަދަކީ އިޓަލީވިލާތުން އެއް ދުވަހެއްގެ ތެރޭގައި ކޮވިޑް-19 ޖެހިގެން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.

އިޓަލީވިލާތުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އެގައުމުން ބަލި ޖެހުނު މީހުންގެ ތެރެއިން 149 މީހަކު މިހާރު ވަނީ ބަލިން އެއްކޮށް ރަނގަޅު ވެފައެވެ.

ޗައިނާ އިން މިހާރު ކޮވިޑް-19 ކޮންޓްރޯލް ކުރެވެމުންދާ ކަމުގެ ނިޝާންތައް ފެންނަމުން ދިޔަ ނަމަވެސް އިޓަލީވިލާތް، ދެކުނު ކޮރެއާ، އީރާން އަދި ޖަޕާންގައި ހާލަތު އިތުރަށް ގޯސްވަމުންދާ ކަމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ.

ޔޫރަޕްގެ ގިނަ ގައުމުތަކަށް އިޓަލީވިލާތް މެދުވެރިވެގެން މިހާރު ވަނީ ވައިރަސް ފެތުރިފައެވެ. އިޓަލީވިލާތުން މިހާތަނަށް 23300 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑް-19 އަށް ޓެސްޓް ކޮށްފައެވެ. އެގައުމުގެ 11 އަވަށެއް ވަނީ ބަލި ފެތުރެމުން ދާތީ ކަރަންޓީން ކޮށްފައެވެ. އެއިން އަވަށަކުން މީހަކު އެހެން ސަރަހައްދަކަށް ދަތުރު ކުރުމާއި، އެހެން ސަރަހައްދެއްގެ މީހަކު އެއިން އަވަށަކަށް ދަތުރު ކުރުން ވެސް ވަނީ މަނާކޮށްފައެވެ.

އިޓަލީވިލާތުގައި ފަތުރުވެރިންގެ މެދުގައި މަގުބޫލް ގިނަ ތަންތަނަށް ވަނީ ކޮވިޑް-19 އާއި ގުޅިގެން ބަންދުކޮށްފައެވެ. ނަމަވެސް މިއަދުން ފެށިގެން ބައެއް ތަންތަން ވަނީ ހުޅުވާލަން ނިންމާފައެވެ. ފަތުރުވެރިންނަށް މިއަދު އަލުން ހުޅުވާލި ތަންތަނުގެ ތެރޭގައި މިލާންގައި ހުންނަ ގިނަ ބައެއްގެ މެދުގައި މަގުބޫލް ޑުއޮމޯ ޗާޗް ވެސް ހިމެނެއެވެ.

ފަތުރުވެރިންނަށް ތަންތަން ހުޅުވާލި ނަމަވެސް ގުނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އިޓަލީވިލާތުގެ ސަރުކާރުން ވަނީ އެގައުމުގެ އާއްމު ރައްޔިތުންގެ ކިބައިން އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު