މޮރޮކޯ އިން ކޮވިޑް-19 ފެނިއްޖެއެވެ.

އުތުރު އެފްރިކާގައި އޮންނަ މޮރޮކޯ އިން ކޮވިޑް-19 ފެނުނުކަން އެގައުމުގެ ހެލްތު މިނިސްޓްރީން ވަނީ ކަށަވަރު ކޮށްދީފައެވެ.

މޮރޮކޯގެ ހެލްތު މިނިސްޓްރީން ބުނީ އެގައުމުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ އިޓަލީވިލާތުގައި ދިރިއުޅޭ މޮރޮކޯ މީހެއް ކަމަށާއި އޭނާ މޮރޮކޯއަށް އެނބުރި އައިފަހުން ކޮވިޑް-19 ގެ އަލާމާތްތަކެއް ފެނުމުން ބައްޔަށް ޓެސްޓް ކުރިއިރު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

"އޭނާގެ ހާލު މިވަގުތު ރަނގަޅު. ފުރާނައަށް ނުރައްކާވާވަރުގެ ކަންތައްތަކެއް އޭނާގެ ކިބައިން އަދި ނުފެނޭ. އެހެންކަމުން އަދި ކަންބޮޑުވާން ޖެހޭ ފަދަ ހާލަތެއް ނެތް." މޮރޮކޯގެ ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ.

މޮރޮކޯ އިން ކޮވިޑް-19 ފެނިފައި މިވަނީ އެގައުމުން ކޮވިޑް-19 ފެނިދާނެ ކަމަށް ތައްޔާރުވެފައިވާ ކަމަށް ސަރުކާރުން އިއުލާން ކުރިތާ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. މިދިޔަ ހަފްތާގައި މޮރޮކޯގެ ހެލްތު މިނިސްޓްރީން ވިދާޅުވީ ކޮވިޑް-19 ވަރަށް ބޮޑަށް އެގައުމުގައި ފެތުރިގެން ހިނގައިދާނެ ކަމަށް ތައްޔާރު ވެފައިވާ ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވެސް ވަނީ ކޮވިޑް-19 މޮރޮކޯ އިން ފެނިއްޖެނަމަ ބޭނުން ކުރާނެ ބައެއް ތަކެތި އެގައުމަށް ކުރިން ފޯރުކޮށްދީފައެވެ. އޭގެތެރޭގައި މާސްކާއި، ސިއްހަތާއި ބެހޭ އޮފިޝަލުން ބޭނުން ކުރާނެ އަންނައުނު ވެސް ހިމެނެއެވެ.

މީގެ ކުރިން ވެސް މޮރޮކޯ އިން ވަނީ ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ބައެއް މީހުން ޓެސްޓް ކޮށްފައެވެ.

މޮރޮކޯގެ އިތުރުން އެފްރިކާ ބައްރުގެ ގައުމުތައް ކަމަށްވާ ސެނެގާލް، އަލްޖީރިއާ އަދި ނައިޖީރިއާ އިން ވެސް މިހާރު ވަނީ ކޮވިޑް-19 ފެނިފައެވެ. އަދި އެސަރަހައްދުގެ އެހެން ގައުމުތައް ކަމަށްވާ ޓިއުނޭޝިއާ، ސައުދީ އަރަބިއްޔާ އަދި ޖޯޑަން އިން ވެސް މިހާރު ކޮވިޑް-19 ފެނިއްޖެއެވެ.

ޗައިނާ އިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފެނުނު ކޮވިޑް-19 މިހާރު ވަނީ ދުނިޔޭގެ 76 ގައުމަކުން ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު