އިސްރާއީލްގައި ސަރުކާރެއް ގާއިމް ނުކުރެވިގެން އަހަރެއް ތެރޭގައި ބޭއްވި ތިންވަނަ އާއްމު އިންތިޚާބު މިހާރުގެ ވެސް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ލިކޫދް ޕާޓީން ކާމިޔާބު ކޮށްފިކަމަށް "އެގްޒިޓް ޕޯލްތަކުން" ދައްކައިފިއެވެ.

ފާއިތުވި އަހަރެއްހާ ދުވަސް ތެރޭގައި ބޭއްވި ތިންވަނަ އާއްމު އިންތިޚާބު ނަތަންޔާހޫ އަށް ކާމިޔާބު ކުރެވުމުގައި އެންމެ ބޮޑު ހިއްސާއެއްވީ ވޯޓްލާން ނިކުތް މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމެވެ. މީގެ ކުރިން ބޭއްވި ދެއިންތިޚާބަށްވުރެ އިއްޔެ ބޭއްވި އިންތިޚާބުގައި ވޯޓް ލާން ނިކުތް މީހުންގެ އަދަދު 13 އިންސައްތަ އިތުރެވެ.

"އެގްޒިޓް ޕޯލްތަކުން" ދައްކާ ގޮތުގައި ނަތަންޔާހޫގެ ޕާޓީން 37 ގޮނޑި ނުވަތަ 36 ގޮނޑި ކާމިޔާބު ކުރާނެއެވެ. ނަމަވެސް މިއީ ސަރުކާރެއް އެކުލަވާލަން އަދި އެކަށީގެންވާ އަދަދެއް ނޫނެވެ. ސަރުކާރެއް އެކުލަވާލުމަށް ނަތަންޔާހޫ ޖެހޭނީ ކުދިޕާޓީތަކާއި އެކު ކޯލިޝަން ހަދާށެވެ.

ލިކޫދް ޕާޓީ އާއި އެންމެ ގާތުން ވާދަކުރި ބްލޫ އެންޑް ވައިޓް ޕާޓީއަށް ލިބޭނެ ކަމަށް ލަފާކުރެވެނީ 30 ގޮނޑިއެވެ.

ލިކޫދް ޕާޓީއަށް އަމިއްލައަށް ސަރުކާރެއް އެކުލަވާލެވޭވަރު ނުވިނަމަވެސް އެޕާޓީން ވަނީ ކާމިޔާބީ އިއުލާން ކޮށްފައެވެ. ތެލްއަވީވްގައި ސަޕޯޓަރުންނާއި ބައްދަލުކޮށް ނަތަންޔާހޫ ބުނީ މިއަދު ކަނާފުފިޔައިގެ ޕާޓީތަކާއި ބައްދަލުކޮށް، ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

މިފަހަރު އާއްމު އިންތިޚާބާއި ކުރިމަތިލިއިރު ނަތަންޔާހޫ އަށް އިންތިޚާބު ކާމިޔާބު ކުރުން އޮތީ ސިޔާސީ ގޮތުން ކުރިއަށް ދިއުމަށް ކޮންމެހެން މަޖުބޫރު ކަމަކަށް ވެފައެވެ. ނަތަންޔާހޫގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކުގެ ޝަރީޢަތް ފަށަން ތައްޔާރުވަމުން އަންނައިރު ބޮޑުވަޒީރު ކަމުގައި ހުންނައިރު ޝަރީޢަތް ނުކުރެވޭ ގޮތައް ޤާނޫނު ބަދަލު ކުރަން މިހާތަނަށް ކުރިމަތިވެފައި އޮތް ހުރަހަކީ ވެސް ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިފައި ނެތުމެވެ.

އިންތިޚާބު ކާމިޔާބު ކުރުމަށްފަހު ސަޕޯޓަރުންނާއި ބައްދަލުކޮށް ވާހަކަދައްކަމުން ނަތަންޔާހޫ ބުނީ އޭނާ ބޭނުން ވަނީ އިސްރާއީލްގެ ހުރިހާ ރައްޔިތުންނަށް ވެރިކަންކޮށްދޭ މީހަކަށް ވާން ކަމަށެވެ.

"އަހަރެން ބުނަން ބޭނުންވަނީ އަހަރެންނަކީ އިސްރާއީލްގެ ހުރިހާ ރައްޔިތުންނަށް ތަފާތު ކުރުމެއް ނެތި ބޮޑުވަޒީރުގެ މަގާމު ފުރަން ބޭނުންވާ މީހެއް ކަމަށް. ކަނާތުފިޔައިގެ މީހުންނާއި، ވާތުފިޔައިގެ މީހުންނާއި، ޔަހޫދީންނާއި، ޔަހޫދީން ނޫން މީހުންނާއި، ހުރިހާ ޖިންސެއް އަދި ހުރިހާ ދާއިރާއެއްގެ މީހުންނަށް ތަފާތު ކުރުމެއް ނެތި ބޮޑުވަޒީރުކަން ކޮށްދޭން ބޭނުން." ނަތަންޔާހޫ ބުންޏެވެ.

ނަތަންޔާހޫ ބުނީ އަވަސް އަވަހަށް އިންތިޚާބުތަކެއް ބޭއްވުން އެއީ ގައުމަށް އެންމެ ފައިދާހުރި ގޮތް ނޫން ކަމަށާއި އެހެންކަމުން ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ރައްޔިތުން ފަހިކޮށްދޭން ޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙިކްމަތް

    ފާފަތަކުގެ މައްޗަށް ފާފަތައް އިތުރުވާން. މާތް ﷲ ގެ ކޯފާގެ މައްޗަށް ކޯފާ އިތުރުވާން. އާޚިރަތުގައި ޢަޒާބު ބޮޑުވުމަށް. ސުބްޙާނަﷲ ﷲއަކްބަރް

    17
    1
  2. ޖަހާންގީރު

    މަޖިލީސް ރައީސް ތަހުނިޔާ ކިޔާނެ

    5
    1
  3. ޓޫތު

    މަރުހަބާ ދަންނަވަން މެދު އިރުމަތީގެ އެންމެ ހިންގުންތެރި ބޮޑުވަޒީރަށް

    1
    4