ތުރުކީ އިން އަނެއްކާވެސް ސީރިޔާގެ ހަނގުރާމަމަތީ މަތިންދާބޯޓެއް ވައްޓާލައިފިއެވެ.

ތުރުކީގެ ޑިފެންސް މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި ތުރުކީގެ އެފް-16 މަރުކާގެ ހަނގުރާމަ މަތީ ބޯޓު ބޭނުންކޮށްގެން ވައްޓާލާފައި ވަނީ ސީރިޔާ އިން ބޭނުން ކުރަމުން އަންނަ އެލް-39 މަރުކާގެ ބޯޓެކެވެ.

ބޯޓު ވައްޓާލުމުން އޭގައި ތިބި ޕައިލެޓުން މަރުވި ކަމެއް ނުވަތަ ސަލާމަތްވިކަމެއް ތުރުކީ ޑިފެންސް މިނިސްޓްރީ އިން ހާމަކޮށްފައެއް ނުވެއެވެ. އާއްމުގޮތެއްވައި ހަނގުރާމަ މަތީ ބޯޓުތަކުގައި އޭތި ވެއްޓުމުގެ ކުރިން ޕައިލެޓުންނަށް ވައިކުޑަ އަޅައިގެން ފުންމާލައި ސަލާމަތްވުމުގެ ފުރުސަތު އޮންނާނެއެވެ.

ސީރިޔާގައި ހަރަކާތްތެރިވާ ނިރުބަވެރި ޖަމާއަތްތަކާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ސީރިޔާ އަސްކަރިއްޔާ އިން ބޭނުން ކުރާ ބޯޓުތައް މީގެ ކުރިން ގިނަ އަދަދަކަށް ހުރި ނަމަވެސް އެ އަދަދު މިހާރު 60ށް ވުރެން ދަށްވާނެ ކަމަސް މާހިރުން ލަފާކުރެއެވެ.

މިއަދު ތުރުކީ އިން ވައްޓާލި ބޯޓާއި އެކު މި ހަފްތާގައި ތުރުކީ އިން ވައްޓާލި ސީރިޔާ ބޯޓުތަކުގެ އަދަދު ވަނީ 3ށް އަރާފައިކަން ފާހަގަކޮށްލެވެއެވެ. އަދި އިއްޔެ ތުރުކީ ރައީސް ވަނީ ސީރިޔާގެ 2500ށް ވުރެން ގިނަ ސިފައިން މަރާލާފައިވާކަން ހާމަކޮށްފައެވެ.

ސީރިޔާ ދޫކޮށް ތުރުކީގެ ރެފިއުޖީ ކޭމްޕުތަކަށް ދިޔަ ސީރިޔާ ރައްޔިތުންގެ އަދަދު 4 މިލިއަނަށް އަރަން އުޅޭއިރު ތުރުކީ ރައީސް އުރުދުޣާން ވިދާޅުވެފައި ވަނީ އެކަން ހުއްޓުވަން އޮތް ހަމައެކަނި ގޮތަކީ ސީރިޔާގެ ސަރުކާރު ބަދަލުކުރުން ކަމަށާއި އަދި މިކަން ކިރަނީ ސީރިޔާ ރައްޔިތުންގެ ހައްގުގައި ކަމަށެެވެ.

ވެރިކަން ދޫކޮށްލަން މީގެ ކުރިންވެސް ދެކޮޅު ހަދާދައިވާ ސީރިޔާގެ ރައީސް ބަޝާރުލް އައްސަދު އާއި އިރާން އަދި ރަޝިޔާ އިން ގާތް ގުޅުމެއް ބާއްވަމުން އަންނައިރު އުރުދުޣާން ވިދާޅުވެފައި ވަނީ އިރާނާއި ރަޝިޔާ އަށް ތުރުކީގެ ފަރާތުން އެއްވެސް މައްސަލަ އެއް ނެތް ކަމަށާއި އެހެންކަމުން ސީރިޔާ އާއި ތުރުކީ ދޭތެރެއަށް އެ ދެގައުމުން ނުވަނުމަށް އެދޭ ކަމަށެވެ.

އުރުދުޣާން އިތުރަށް ވިދާޅުވެފައި ވަނީ ރަޝިޔާ އިން ބޭނުންވަނީ ސީރިޔާގައި ރަޝިޔާ ސިފައިން ބައިތިއްބަން ކަމުގައި ވަނީނަމަ ނޭޓޯ ގައުމެއްގެ ހައިސިއްޔަތުން ތުރުކީ އިން އެކަމާއި ދެކޮޅު ނުހަދާ ކަމަށާއި ނަމަވެސް އައްސަދު މަގާމުން ދުރުކުރުން މުހިއްމު ކަމަށެވެ.