އިރާންގެ މެޑިކަލް ސާވިސަސްގެ އެންމެ އިސް ވެރިޔާ ކޮވިޑް-19 އަށް ޕޮސިޓިވް ވެއްޖެއެވެ.

ވައިރަސް އަށް ފިރުސެއިން ކޮވިލަންޑް ޕޮސިޓިވް ވެފައިވާކަން އޭނާގެ އޮފީހުން ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ. މިކަން ކަށަވަރު ކޮށްދެމުން ފިރުސެއިންގެ އޮފީހުން ވިދާޅުވެފައި ވަނީ އޭނާ އަށް ކޮވިޑް-19 ޖެހުނު ނަމަވެސް އޭނާގެ ހާލު ފުރާނަ އަށް ނުރައްކާ ވާވަރަށް ސީރިއަސް ނޫން ކަމަށެވެ.

އިރާނުން މިހައިތަނަށް 2337 މީހަކު ވައިރަސް އަށް ޕޮސިޓިވް ވެފައިވާއިރު އޭގެ ތެރޭގައި އެ ގައުމުގެ ނައިބު ރައީސް އާއި ގާނޫނު ހަދާ މަޖިލީހުގެ 23 މެމްބަރުންގެ އިތުރުން ސިޔާސީ އެނޫންވެސް ފަރާތްތައް ހިމެނެއެވެ. އަދި ވައިރަސް ޖެހިގެން މަރުވި 77 މީހުންގެ ތެރޭގައި އެ ގައުމުގެ ރޫޙާނީ ލީޑަރު އާޔަތުއްލާ ޙާމެނީ އާއި ވަރަށް އަރިސް ބޭފުޅަކުވެސް ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.

ވައިރަސް އެންމެ ފުރަތަމަ ފެނުނު ގައުމުކަމުގައިވާ ޗައިނާ އަށް ފަހުގައި ދެން އެންމެ ގިނަ ބަޔަކަށް ވައިރަސްގެ އަސަރު ކުރަމުން ދަނީ އީރާނުގައެވެ.

ވައިރަސް ކޮންޓްރޯލް ކުރުމަށް އެ ގައުމުގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ސިފައިންގެ އެހީ ފޯރުކޮށްދިނުމަށް އެގައުމުގެ ރޫޙާނީ ލީޑަރު އާޔަތުއްލާ ޙާމެނީ ވަނީ މިހާރު ނިންމަވާފައެވެ. މިގޮތުން 300،000ށް ވުރެން ގިނަ ސިފައިންނާއި ވޮލަންޓިއަރުން އެހީވާން ފޮނުވާނެކަނަށް ޙާމެނީ ވަނީ ވިދާޅުވެފައެވެ.

އެގައުމުގެ ސަރުކާރުން ކޮވިޑް-19 އާއި ބެހޭ ފުރިހަމަ މައުލޫމާތު އާއްމުންނަށް ހާމަނުކުރާ ކަމަށް އެގައުމުގެ ބައެއް ރައްޔިތުން ބުނަމުންދާއިރު، ރިޕޯޓުތައް ބުނާގޮތުން އީރާނުގައި މިދުވަސްކޮޅު އިންޓަނެޓުގެ ޙިދުމަތް ކަނޑާލުން އެކަށީގެންވެއެވެ. އެއީ މީގެ ކުރިންވެސް މިފަދަ ހާލަތްތަކުގައި އެގައުމުގެ ސަރުކާރުން އެގޮތަށް ކަންތައް ކޮށްފައި ވާތީއެވެ.