ކޮވިޑް-19 ޖެހިގެން އެމެރިކާއިން އިތުރު ތިން މީހަކު މަރުވެއްޖެ އެވެ.

އެމެރިކާއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ ނުވައަކަށް އަރާފައެވެ. މި އެންމެންވެސް މަރުވެފައި ވަނީ ވޮޝިންގޓަންއިންނެވެ.

މިހާރު އެމެރިކާ ވެފައި ވަނީ މި ވައިރަސް ޖެހިގެން މީހުންގެ މަރުވާ ގައުމުތަކުގެ ތެރެއިން ފަސް ވަނައަށް އެންމެ ގިނައިން މީހުން މަރުވާ ގައުމަށެވެ.

އެ ގައުމުން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ އަދަދު 125 އަށް އަރާއިރު، އޭގެ ތެރެއިން ހަތް މީހެއްގެ ހާލު ސީރިއަސް އެވެ. އަދި ބަލި ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު ނުވަ އަކަށް އަރައެވެ.

އެމެރިކާގައި ވެސް ކޮވިޑް-19 ގެ ހާލަތު ނުރައްކާތެރި ހާލަތަކަށް ބަދަލުވަމުން ދާއިރު އެމެރިކާގެ ހެލްތު ޑިޕާޓްމަންޓުން 40 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓެއް ކޮވިޑް-19 އަށް ތައްޔާރުވުމަށް އިއްޔެ ވަނީ ހަމަޖައްސާފައެވެ.

އެމެރިކާ ސަރުކާރުން ވެސް ވަނީ ކޮވިޑް-19 ފެތުރެމުން ދާތީ ގިނައިން މީހުން އެއްވާ ތަންތަނަށް ނުދިއުމަށް އާއްމުނަށް އިލްތިމާސް ކޮށްފައެވެ.

އެމެރިކާގެ ނައިބު ރައީސް މައިކް ޕެންޗް މީގެ ދެދުވަސް ކުރިން ބުނީ އެމެރިކާ އިން އަދިވެސް ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ޕެންޗް އަކީ ކޮވިޑް-19 އާއި ގުޅޭ ކަންކަން ސަރުކާރު ފަރާތުން ބަލަހައްޓާ އެންމެ އިސްވެރިޔާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު