ކޮވިޑް-19 ޖެހިގެން އިރާގުން މީހަކު މަރުވެއްޖެ އެވެ. މިއީ އެ ގައުމުން ކޮވިޑް-19 ޖެހިގެން މަރުވި ފުރަތަަމަ މީހާއެވެ.

ކޮވިޑް-19 ޖެހިގެން މީހުން މަރުވި ގައުމުތަކުގެ އަދަދު މިހާރު ވަނީ 14 އަށް އަރާފައެވެ.

އެ މީހާއަކީ ކޮވިޑް-19 ޖެހިގެން ފަރުވާދެމުން ދިޔަ 70 އަހަރުގެ މީހެކެވެ. އޭނާ މަރުވެފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. އެ މީހާއަކީ ސުލައިމަނިޔާހް ސިޓީން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހެކެވެ.

އިރާގުން މިހާތަަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 32 އަށް އަރާފައެވެ. މީގެ ތެރެއިން 14 މީހަކު ފެނިފައި ވަނީ ކެޕިޓަލް ސިޓީ ބަގްދާދުންނެވެ. އަދި އިތުރު ފަސް މީހަކު ކިރްކުރުކް ސިޓީން ފެނުނިއރު، ސުލައިމަނިޔާހް ސިޓީން ފެނިފައި ވަނީ ފަސް ކޭސްއެވެ. އަދި ބަބިލް އާއި މޭސަން އިންވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވި ބައެއް ފެނިފައުވާއިރު، ނަޖަފް ސިޓީން ތިން މީހަކާއި، ވަސިޓް ސިޓީން ދެ މީހެއްގެ އިތުރުން، ކަރްބަލާ އިންވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ފެނިފައި ވެއެވެ.

ޗައިނާގެ ވުހާން ސިޓީން މިދިޔަ ޑިސެމްބަރު މަސް ތެރޭގައި ފެތުރެން ފެށި ކޮވިޑް 60 ގައުމަކުން ފެނިފައި ވެއެވެ. އަދި މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 3000 އަށްވުރެ މައްޗަށް އަރާފައިވާއިރު، 90000 އަށް ވުރެ ގިނަ މީހުންނަށް މި ވައިރަސް ޖެހިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު