ކޮވިޑް-19 ފެތުރެމުންދާތީ އިޓަލީގެ ހުރިހާ ސްކޫލެއް ބަންދުކޮށްފި އެވެ.

އިޓަލީ ސަރުކާރުން ބުނީ، އެ ގައުމުގެ ސްކޫލްތަކާއި ޔުނިވާސީޓިތައް ވަގުތީ ގޮތުން ބަންދު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ސްކޫލްތަކާއި ޔުނިވާސިޓިތައް ބަންދު ކުރާނީ މާދަމާ އިން ފެށިގެން ކަމަށާއި، މާރިޗް މަހުގެ މެދު ތެރެއާ ހަމައަށް ސްކޫލްތައް ބަންދުކޮށްފައި ބަހައްޓާނެ ކަަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އިޓަލީ ވެފައި ވަނީ އޭޝިއާ ސަރަހައްދުން ބޭރުން އެންމެ ވަރުގަދަޔަށް މި ވައިރަސް ފެތުރެމުންދާ ގައުމަށެވެ. އެގޮތުން އިއްޔެ އާއި ހަމައަށް މި ވައިރަސް ޖެހިގެން އެ ގައުމުން 79 މީހަކު ވަނީ މަރުވެފައެވެ. އަދި މިއަދު ހެނދުނާއި ހަމައަށް 2502 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވެއެވެ.

އަދި އިޓަލީގެ ބޮޑުވަޒީރު ޖޮސޭޕޭ ކޮންޓޭ ވަނީ ސްކޫލްތައް ބަންދު ކުރުމަށް އެއްބަސްވެފައެވެ. އެހެން ނަމަވެސް މިކަމާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރ އަދި ވަކި އެއްޗެއް ހާމަކޮށްފައި ނުވާ ކަމަށް ވެއެވެ.

މި ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ އިޓަލީގެ އުތުރު ރީޖަންއަށެވެ. އެ ސަރަހައްދުގެ ސްކޫލްތަކާއި ޔުނިވާސިޓީތަކަށް ވައިރަސްގެ އަސަރު ވަނީ ކޮށްފައެވެ. އަދި އެ ސަރަހައްދުގެ ބައެއް ޓައުންތައް ވަނީ ކަރަންޓިންވެސްކޮށްފައެވެ.

އިޓަލީން ކޮވިޑް-19 ފެނިފައި ވަނީ ފެބްރުއަރީ 19 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޤިޔާމް

    ޢަދިވެސް އިޓަލީމީހުން ގެނައުން މެކުހައް

  2. އެޑްވަޑް ބާމުންޑޜ

    އޭޝިއާ އެއްނޫނެ އެއީ ލެޓިންއެމެރިކާ "ޔޫރަޕް"