އިންޑިއާގެ ބާލިއާ ސިޓީގެ ސްކޫލެއްގައި ޓީޗަރަކު ދަރިވަރަކަށް ޙަމަލާދީ މަރާލައިފިއެވެ.

މިދިޔަ ހަފްތާގައި ހިނގި މި ހާދިސާގައި މަރުވެފައި ވަނީ އެ ސްކޫލުގެ ގްރޭޑް 5 ގައި ތަޢުލީމު ހާސިލްކުރަމުންދިޔަ އުމުރުން 11 އަހަރުގެ އަންހެން ކުއްޖެކެވެ.

މި ހާދިސާ އާއި ގުޅިގެން އޮފިޝަލުން ބުނެފައިވަނީ، ސުޕްރިޔާ ވަރުމާ ނަމަކަށްކިޔާ އެ އަންހެން ކުއްޖާ މަރުވީ، ޓީޗަރު އޭނާގެ މޫނުމަތީގައި ޖެހުމުން ވިއްސައިގެން ގޮސް ފާރެއްގައި ޖެހުމަށްފަހު ލިބުނު އަނިޔާގައި ކަމަށެވެ.

ސުޕްރިޔާގެ ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކާގޮތުގައި، މި ހާދިސާގައި އޭނާގެ ބޮލު އެތެރެއިން ދެ ތަނަކަށް ވަނީ އަނިޔާވެފައެވެ. އޭނާގެ ހާލި ސީރިއަސްވީ، އެ ހާދިސާއަށްފަހު ބޮލުގައި ރިއްސާތީ އުޅުމަށްފަހު އެވެ.

އޭނާ ބޮލުގައި ރިއްސާކަމަށް ބުނުމުން، ސްކޫލުން އޭނާގެ ބެލެނިވެރިންނަށް ގުޅި ކަމަށާއި، ނަމަވެސް ބެލެނިވެރިންނަށް އާދެވުނުއިރު އޭނާ ހޭނެތިފައިވާކަމަށް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ. އެއާއި އެކު ވަގުތުން އެ ސަރަޙައްދުގައި ހުންނަ ޕްރައިވެޓް ހޮސްޕިޓަލަކަށް ގެންގޮސް އޭނާއަށް ސީރިއަސް ހާލުގައި ފަރުވާދީފައި ވާއިރު، އޭގެ ދެ ދުވަސްފަހުން ވަނީ މަރުވެފައެވެ.

ސުޕްރިއާ އަށް ޙަމަލާދިން ޓީޗަރު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުއްޖަކަށް އަނިޔާކޮށް މަރާލުމުގެ ދަޢުވާ އޭނާގެ މައްޗަށް ވަނީ އުފުލާފައެވެ. މި ހާދިސާ އާއި ގުޅިގެން ސުޕްރިއާގެ ބައްޕަ ވަނީ، ސްކޫލުގެ ޕްރިންސިޕަލާއި ދެކޮޅަށްވެސް މައްސަލަ ހުށަހަޅާފައެވެ.

މި ހާދިސާއަށްފަހު އެ ސްކޫލްގެ ކިޔެވުން ވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ.