ފްރާންސުގެ ހޮސްޕިޓަލުތަކުން އަނެއްކާވެސް ގިނަ އަދަދެއްގެ މާސްކުތަކެއް ވަގަށް ނަގައިފިއެވެ.

އެ ގައުމުގެ އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި ވެރިރަށް ފްރާންސުގެ އެކި ހޮސްޕިޓަލުތަކުން ވަނީ 8،300 މާސްކާއި 1،200 ސެނިޓައިޒާ ފުޅި ވަގަށް ނަގާފައެވެ. މީގެ އިތުރުން އެ ގައުމުގެ ދެކުނުގައި އޮންނަ މާސޭގެ ހޮސްޕިޓަލަކުންވެސް 2000 މާސްކު ވަނީ ވަގަށް ނަގާފައެވެ.

މާސޭ ހޮސްޕިޓަލުން ބުނެފައި ވަނީ އެ ހޮސްޕިޓަލުގައި މާސްކުތައް ރައްކާ ކޮށްފައި ހުންނަ ތަނަށް ވަދެވޭނީ ހޮސްޕިޓަލުގެ ބައެއް މުވައްޒަފުންގެ އިތުރުން ސާޖެރީތައް ހަދަން ވައްދާ ބަލި މީހުންނަށް އެކަނި ކަމަށެވެ. އެހެންކަމުން މާސްކުތައް ވަގަށް ނެގި ބަޔަކު ހޯދުމަށް ހޮސްޕިޓަލު އެތެރޭގެ ތަހުގީގެއް ފަށާފައިވާ ކަމަށެވެ.

އެ ހޮސްޕިޓަލުން ވަނީ އަދިވެސް ބޭނުންވާ ވަރަށް މާސްކު ހުރި ކަމަށާއި އަދި މިހާރު އޯޑަރު ކޮށްފައިވާ މާސްކުތަކާއި ސެނިޓައިޒާތައް އައުމުން ސަލާމަތީ ކަންކަން ވަރަށް ވަރުގަދަ ވާނެ ކަމަށެވެ.

މީގެ ކުރިންވެސް އެ ގައުމުގެ ހޮސްޕިޓަލުތަކުން މާސްކުތަކާއި ސެނިޓައިޒާތައް ވަގަށް ނަގާފައިވާއިރު އާއްމު ރައްޔިތުންނަށް މިހާރު މާސްކު ވިއްކަމުން ގެންދަނީ ޑޮކްޓަރެއްގެ ބޭސް ސިޓީ އާއިއެކު އެކަނިކަން ފާހަގަކޮށްލެވެއެވެ.

ފްރާންސުގެ އިތުރުން ޖަޕާނާއި އެނޫންވެސް ބައެއް ގައުމުތަކުގައި މިފަދަ ސާމާނުތައް ވަގަށް ނެގުމުގެ ހާދިސާތައް ވަނީ އިތިރުވެފައެވެ.