ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަހާގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުގެ ސްކޫލްތަކާއި ޒަރޫރީ ބޭނުންތައް ކުރާ ބައެއް ކަހަލަ ތަންތަން ވެސް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. މިކަމުގެ ސަބަބުން ގިނަ ބަޔަކު އަންނަނީ އެކަމުގެ އުނދަގޫ ތަހައްމަލު ކުރަމުންނެެވެ.

އިޓަލީގެ އިތުރުން އެމެރިކާ، ދެކުނު ކޮރެއާ، އިރާން، ޖަޕާން، ފްރާންސް ފަދަ ބަލި ފެތުރިފައިވާ ގައުމުތަކުން މިހާރު ވަނީ ސްކޫލަތައް ވަގުތީ ގޮތުން ބަންދު ކޮށްފައެވެ. އެހެންކަމުން މިކަމުގެ އަސަރު މިހާރު ވަނީ 300 މިލިއަށް ވުރެ ގިނަ ކުދިންނަށް ކޮށްފައެވެ. އެ ގައުމުތަކުގެ ސްކޫލްތަކުގައި ކިޔަވަމުންދިޔަ ކުދިން މިހާރު ތިބީ ދެން އަނބުރާ ސްކޫލަށް ދެވޭނެ އިންތިޒާރެއްގައި ބޭރަށް ނުދެވި ގޭތެރޭގައި ތާށިވެފައެވެ.

މިފަދަ ދަރިވަރުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވަނީ ގޭގައި މަޑު ކޮށްގެން ތިބުމެވެ. މީގެ ކުރިން އެކުދިންނަށް ބޭރަށް ކުޅެލަން ދެވެއެވެ. ސްކޫލަށްވެސް ދެވެއެވެ. އެހެން ކަމުން މިހާރު ގޭގައި މަޑު ކޮށްގެން ތިބެން ޖެހުމުން ގިނަ ކުދިން ޝަކުވާ ކުރެއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ހަމަ އެކަނި ސްކޫލްތައް ބަންދުކޮށްފައިވާ ގައުމެއްގެ ގޮތުގައި މީޑިއާތަކުން ރިޕޯޓް ކުރަމުން އައީ ފުރަތަމަ މި ވައިރަސް ފެތުރެން ފެށި ޗައިނާގައެވެ. އެހެން ނަމަވެސް ހަލުވި ކަމާއި އެކީ މި ވައިރަސް ފެތުރެމުން އައިސް ދުނިޔޭގެ ގިނަ ގައުމުތަކުގެ ސްކޫލަތް މިހާރު ވަނީ ބަންދު ކޮށްފައެވެ.

ސްކޫލްތައް ބަންދު ކޮށްފައިވާ ގައުމުތަކުގެ ސަރުކާރުން ބުނެފައިވަނީ އެ ފަރާތުން އެގޮތަށް އަމަލު ކޮށްފައިވަނީ ކުދިންގެ ސަލާމަތަށާއި މުވައްޒަފުންގެ ސަލާމަތް ކަށަވަރު ކުރުމުގެ ގޮތުން ކަމަށެވެ. ސްކޫލްތަކުގެ އިތުރުން އޮފީސްތައްވެސް މިހާރު އެ ގައުތަކުގައި ވަނީ ބަންދު ކޮށްފައެވެ.

ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު މިހާރު އެއް ލައްކަ އާއި ކައިރި ކުރާއިރު މި ވައިރަސް ވަނީ ދުނިޔޭގެ 80 އަށް ވުރެ ގިނަ ގައުމަކުން ފެނިފައެވެ.