ކޮވިޑް-19 ފެތުރެންފެށި ގައުމު ކަމަށްވާ ޗައިނާގައި އިއްޔެ ބަލީގައި މަރުވީ 30 މީހުން ކަމަށް އެގައުމުން ބުނެފިއެވެ.

ޗައިނާ އިން ކޮންމެ ދުވަހަކު އާއްމުކުރާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޗައިނާގައި މީހުން މަރުވާ ނިސްބަތް ހުރީ މިހާރު އެއްވަރެއްގައި ހިފެހެއްޓިފައެވެ.

ނަމަވެސް އިއްޔެ އެގައުމުން އަލަށް ބަލި ޖެހުނު މީހުންގެ އަދަދު ވަނީ ކޮންމެވެސް ވަރަކަށް އިތުރު ވެފައެވެ. އިއްޔެ 143 މީހަކަށް ވަނީ ބަލި ޖެހިފައެވެ. އެގެ ތެރެއިން 126 މީހުންނަކީ ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ހުބެއީ ޕްރޮވިންސަށް ނިސްބަތްވާ މީހުންނެވެ. 17 މީހުންނަކީ ހުބެއީ ޕްރޮވިންސް ފިޔަވައި އެހެން ޕްރޮވިންސްތަކުން ބަލި ޖެހުނު މީހުންނެވެ.

ޗައިނާ އިން ބަލި ޖެހުނު މީހުންގެ އަދަދު 80552 އަކަށް މިހާރު އަރައިފިއެވެ. އަދި ދުނިޔޭގެ ހުރިހާ ހިސާބަކުން ބަލި ޖެހުނު މީހުންގެ އަދަދު 97852 އަކަށް އަރައިފިއެވެ.

ޗައިނާ އިން މިއަދު ބުނީ އެގައުމުން ބަލި ޖެހުނު މީހުންގެ ތެރެއިން 53726 މީހަކު މިހާރު ބަލިން ރަނގަޅު ވެފައިވާ ކަމަށެވެ.

ޗައިނާ ފިޔަވައި އެހެން ގައުމުތަކުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 341 އަށް އަރާފައެވެ. އެންމެ ގިނަ މީހުން މަރުވީ އިޓަލީވިލާތުންނެވެ. އެގައުމުން 148 މީހަކު ވަނީ މަރުވެފައެވެ. އީރާނުން 107 މީހަކު މަރުވެފައި ވާއިރު ދެކުނު ކޮރެއާ އިން ވަނީ 42 މީހަކު މަރުވެފައެވެ. ޖަޕާނާއި އެމެރިކާ އިން ކޮންމެ ގައުމަކުން 12 މީހުން ވަނީ މަރުވެފައެވެ.

ކޮވިޑް-19 އަކީ ފަހުގެ ތާރީޚެއްގައި ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު ބަލިމަޑުކަމަށް ވެފައި ވާއިރު މިބަލިން ސަލާމަތްވުމަށް ބޭހެއް ނުވަތަ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ސައިންސްވެރިން ގެންދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ. ނަމަވެސް އަދި މިމައްސައްކަތުގައި އެންމެ އެދެވޭ ނަތީޖާތަކެއް ލިބިފައެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު