ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޮވިޑް-19)، ސަރބިއާ އިންވެސް ފެނިއްޖެއެވެ.

ސަރބިއާއިން މި ވައިރަސް ފެނިފައިވާކަން އެޤައުމުގެ ރަސްމީ ފަރާތްތަކުން މިހާރު ކަށަވަރުކޮށްދީފައި ވާއިރު، އެކަން ހާމަކޮށްފައިވަނީ މިއަދު އެޤައުމުގެ އިދާރާތަކުން ބޭއްވި ނޫސްކޮންފަރެންސެއްގައެވެ.

ހަލުވިކަމާއެކު ދުނިޔޭގެ ގިނަ އަދަދެއްގެ ޤައުމުތަކަށް މި ވައިރަސް މިހާރު ފެތުރެމުންދާއިރު، މިހާތަނަށް ޖުމްލަ 93 ޤައުމަކުން ކޮވިޑް-19 ފެނިފައި ވެއެވެ. އަދި މި ވައިރަސް ޖެހުނު މީހުންގެ ޖުމްލަ އަދަދު 98700 އަށްވުރެ މަތީގައި އުޅޭއިރު 4000 އާއި ގާތްކުރާ އަދަދަކަށް މީހުން ވަނީ މަރުވެފައެވެ.

މި ވައިރަސް ޖެހިފައިވާ އެންމެ ގިނަ ބަޔަކު ފެނިފައިވަނީ، ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާ އިންނެވެ. އެޤައުމުގައި މިހާތަނަށް ވައިރަސް ޖެހުނު މީހުންގެ އަދަދު 80،500 އަށްވުރެ މަތީގައި އުޅޭއިރު، އެޤައުމުން އެކަނިވެސް 3000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ދެވަނައަށް މި ވައިރަސް ޖެހިފައިވާ މީހުން އެންމެ ގިނަ ޤައުމެއްގެ ގޮތުގައި އޮތީ ދެކުނު ކޮރެއާއެވެ. އަދި ތިންވަނައަށް އެންމެ ގިނަ މީހުން މި ވައިރަސް އަށް ޕޮޒިޓިވް ވެފައި ވަނީ އިޓަލީންނެވެ.

އިޓަލީން މިހާތަނަށް ދުނިޔޭގެ 26 ޤައުމަކަށް މި ވައިރަސް ފެތުރިފައިވާ ކަމަށް ސީއެންއެން އިން ބުނެއެވެ.

ކޮވިޑް-19 ގެ ނުރައްކާ މުޅި ދުނިޔެއަށް މިހާރު ބޮޑުވެފައިވާއިރު، މީގެ ކުރިން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ވަނީ، ސިއްޙީ ނުރައްކަލުގެ ހާލަތު މުޅި ދުނިޔެއަށް އިއުލާނުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު