އޮސްޓްރޭލިއާގެ އަވަށެއްގައި އުމުރުން ދެ އަހަރުގެ ކުއްޖަކު ރޭޕްކުރި އެ ކުއްޖާގެ ބައްޕަ އަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

ބައިނަލްއަގުވާމީ ހަބަރުތައް ގެނެސްދޭ ނޫހެއް ކަމަށްވާ "ޑެއިލީ މެއިލް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ފިރިހެން މީހާ ކުއްޖާ ރޭޕް ކުރީ އެ ކުއްޖާ ނިދާފައި އޮއްވައި ކަމަށް ކޯޓުގައި ވަނީ އެއްބަސް ވެފައެވެ. އަދި މިއިން އެއްވެސް ކަމެއް ކުއްޖާގެ މަންމައަށް އެނގިފައެއް ނުވާނެ ކަމަށާއި، އޭނާ އެކަން ކުރި އިރު ކުއްޖާގެ މަންމަވެސް އޮތީ ނިދާފައި ކަަމަށް އެ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ. މިކަން ހިނގާފައި ވަނީ 2018 ވަނަ އަހަރުގެ ތެރޭގައި ކަމަށްވެއެވެ.

އެކުއްޖާގެ ސަލާމަތަށްޓަކައި އެ ނޫހުން ކުއްޖާގެ ބައްޕަގެ ނަން ހާމަކޮށްފައި ނުވީ ނަމަވެސް އެއީ 27 އަހަރުގެ ފިރިހެނެއް ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އަދި އެ އަމަލު ހިންގުމަށްފަހު އެފިރިހެން މީހާއަށް ކުރެވުނު ކުށާ މެދު ދެރަވެ، އެކަން ފަޅާ އަރުވާލައިފައި ވަނީ އަމިއްލަ އަށް ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

އެ ކުއްޖާ ރޭޕް ކުރި އިރު، ކުއްޖާ އަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފައެވެ. އެގޮތުން އެ ކުއްޖާގެ އެތެރެހައްޓަށް އަނިޔާ ލިބިފައި ވުމާއި އެކު ބޭރުފުށުން ވެސް ބައެއް ޒަހަމްތައް ލިބިފައި ވާކަމަށް އެ ނޫހުން ވަނީ ވަނީ ރިޕޯޓުކޮށްފައެވެ.

މީގެ އިތުރުން އެމީހާ ރޭޕް ކުރުމުގެ ސަބަބުން ޖިންސީ ގުޅުން ހިންގުމުން ގައިން ގަޔަށް އަރާ ފަދަ ބައްޔެއް އެ ކުއްޖާގެ ގަޔަށް އަރާފައިވާ ކަމަށާއި، އަދި ނަފްސާނީ ގޮތުން ވެސް އެ ކުއްޖާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެއެވެ.

އެ ކުއްޖާ އަށް ޖިންސީ ގޯނާ ކުރީ ވަގަށް ނަގައިގެންނެވެ. އެ ކުއްޖާ ރޭޕް ކުރުމަށްފަހު އަލުން އަނބުރައި ކުއްޖާ މަންމަ އާއި އެކު ނިދާފައި އޮތް ކޮޓަރިއަށް ކުއްޖާ ގެންގޮސްފައި ވާކަމަށް ވެއެވެ.

"އޭބީސީ ނިއުސް" އާއި ހަވާލާ ދީ ޑެއިލީ މެއިލް އިން ބުނެފައި ވަނީ އެ ކުއްޖާގެ ހަށިގަނޑުން ލޭ އަންނަ މަންޒަރު ފެނިފައި ވަނީ އެގޭގައި އުޅުނު އެހެން ފިރިހެނަކަށް ކަމަށެވެ. ނަމަވެސް އެމީހާ އާއި ކުއްޖާ އާއި ހުރި ގުޅުމެއް އެ ނޫހުން ހާމަކޮށްފައެއް ނުވެއެވެ.