ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޮވިޑް-19) ޖެހުނު މީހުންގެ އަދަދު އެއްލައްކަ އަށް އަރައިފިއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް އާންމުކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް މި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 100،242 އަށް އަރާފައެވެ. އަދި ވައިރަސް ފެނުނު ޤައުމުތަކުގެ އަދަދު މިހާތަނަށް ވަނީ 94 އަށް އަރާފައެވެ.

ކޮވިޑް-19 ގެ ނުރައްކާ މުޅި ދުނިޔެއަށް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، މިހާތަނަށް މި ވައިރަސް ޖެހިގެން 3408 މީހަކު ވަނީ މަރުވެފައެވެ. އަދި ވައިރަސް ޖެހިގެން މަރުވާ މީހުންގެ ނިސްބަތް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ދުނިޔޭގައި ފެތުރެން ފެށި ކޮވިޑް-19 އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ހުއާން ސިޓީގެ މަސް މާރުކޭޓަކުންނެވެ. އެއަށްފަހު ހަލުވިކަމާއެކު އެޤައުމާއި ދުނިޔޭގެ އެހެން ހިސާބުތަކަށް މި ވައިރަސް ފެތުރިފައިވާއިރު، ޗައިނާއިން އެކަނިވެސް ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 80،000 އަށް އަރާފައެވެ. އެޤައުމުން މިހާތަނަށް މި ވައިރަސް ޖެހިގެން 3000 އަށް ވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

ދެވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ ދެކުނު ކޮރެއާ އިންނެވެ. އެޤައުމުން މިހާތަނަށް 6500 އަށްވުރެ ގިނަ މީހުންނަށް މި ވައިރަސް ޖެހިފައި ވެއެވެ. އަދި ތިންވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވި ޤައުމެއްގެ ގޮތުގައި އީރާން އޮތްއިރު، ހަތަރުވަނަ އަށް އެންމެ ގިނަ ބަޔަކު މި ވައިރަސް އަށް ޕޮޒިޓިވް ވެފައި ވަނީ އިޓަލީންނެވެ.

ކޮވިޑް-19 ގެ ނުރައްކާ ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނައިރު މި ވައިރަސްގެ ނުރައްކަލަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވަނީ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު މުޅި ދުނިޔެއަށް އިއުލާނުކޮށްފައެވެ. ކޮވިޑް-19 އަކީ ފަހުގެ ތާރީޚެއްގައި ވެސް ދުނިޔެއަށް މިހައި ބޮޑަށް ނުރައްކާ ކުރިމަތި ކުރުވި ވައިރަސް އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސަން

    ރާއްޖޭގެ ރަށަކުން ކޮވިޑް-19 ފެނުނަސް އެ ރަށެއް ކަރަންޓީން ކުރަން ނުޖެހޭނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

    އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތަކުން ތެރެއިން ދޮރުން ދޮރަށް ހަރަކާތުގައި ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ކޮވިޑް-19 ފެނުނަސް ރާއްޖެ ނުހުއްޓޭނެ ކަމަށެވެ. ކޮވިޑް-19 ދުނިޔޭގައި ފެތުރެމުން ދަނިކޮށް ސަލާމަތްތެރި ކަމާއި އެކު ކެމްޕެއިން ކުރާނީ ކިހިނެތްތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ފެނިފައި ނުވާއިރު، ޑަބްލިއު އެޗްއޯގެ މިންގަނޑަށް އަޅާ ބަލާއިރު ހާސްވާން ޖެހޭ ކަމެއް ނެތް ކަމަށެވެ.

    "މީގެ އެންމެ މުހިއްމު ކަމަކީ ދުނިޔެ އެއް ހުއްޓައެއް ނުލެވޭނެ. އަދި ދިވެހި ރާއްޖެއެއްވެސް ހުއްޓައެއް ނުލެވޭނެ. އަދި އަޅުގަނޑުމެން ބިރުވެރިކަމުގެ ތެރެއަށް ގޮސް، ހުން ނާންނަނީސް ރަޖާލާ އުސޫލަށް ބަދަލުވާން ފަށައިފި ނަމަ، ދުނިޔޭގެ އިގްތިސާދުވެސް ފުނޑޭނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.