ދެކުނު އެމެރިކާގެ ޤައުމެއް ކަމަށްވާ ޕެރޫއިން ކޮވިޑް-19 ފެނިއްޖެއެވެ.

ޕެރޫ އިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ޖެހިފައިވާ މީހަކު ފެނިފައިވާކަން އެޤައުމުގެ ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައެވެ.

ނޫސްތައް ބުނާގޮތުގައި ޕެރޫއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ އުމުރުން 25 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، އޭނާ ސްޕެއިން އާއި ފްރާންސާއި ޗެކްރިޕަބްލިކަށް މީގެ ކުރިން ދަތުރުކޮށްފައިވާ ކަމަށް ވެސް ނޫސްތައް ބުނެއެވެ.

ޕެރޫއިން މިއަދު ކޮވިޑް-19 ފެނިފައިވާއިރު، ދުނިޔޭގެ އެހެން ގިނަ ޤައުމުތަކުންވެސް މި ވައިރަސް ފެންނަ ނިސްބަތް އަންނަނީ އިތުރު ވަމުންނެވެ. މިހާތަނަށް ޖުމްލަ 95 ޤައުމަކުން މި ވައިރަސް ވަނީ ފެނިފައެވެ.

މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު ވަނީ 100،598 އަށް އަރާފައެވެ. އަދި މި ވައިރަސްގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 4315 އަށް އަރާފައެވެ.

މިއީ ފަހުގެ ތާރީޚެއްގައިވެސް ދުނިޔޭގައި ފެތުރުނު އެންމެ ނުރައްކާތެރި ވައިރަސްއެވެ. މި ވައިރަސްގެ ނުރައްކާ ބޮޑުވުމުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވަނީ މުޅި ދުނިޔެއަށް ސިއްޙީ ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ.