ހުޅަނގު އެފްރިކާގެ ޤައުމެއް ކަމަށްވާ ޓޯގޯ އިން ކޮވިޑް-19 ފެނިއްޖެއެވެ.

ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ގެ ފުރަތަމަ ކޭސް ޓޯގޯގައި ފެންމަތިވެފައިވާކަން އެޤައުމުގެ ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައެވެ.

އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި، ޓޯގޯ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ އުމުރުން 42 އަހަރުގެ އަންހެނެއް ކަމަށެވެ.

އޭނާ އަށް މި ވައިރަސް ޖެހިފައިވާކަން އެނގުނުއިރު، މީގެ ކުރިން އޭނާ ވަނީ ބެނިން އާއި ޖާމަނީ އާއި ފްރާންސް އަދި ޓުރުކީއަށް ދަތުރުކޮށްފައި ކަމަށް ނޫސްތައް ބުނެއެވެ.

8 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޓޯގޯ އިން ކޮވިޑް-19 އަށް އަންހެނަކު ޕޮޒިޓިވް ވެފައިވަނީ އެޤައުމުގެ ވެރިކަންކުރާ ލޯމް ސިޓީންނެވެ. އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު އުޅެމުން އައީ އާއިލާއާއި އެކު ކަމަށް ވެއެވެ. މި ކަމާއި ގުޅިގެން އޭނާ އާއި އޭނާގެ އާއިލާ މިހާރު ވަނީ ޓޯގޯގައި ހުންނަ "ސެންޓަރ ފޯ އިންފެކްޝިއަސް ޑިޒީޒެސް" ގައި ކަރަންޓީނު ކޮށްފައެވެ.

ނޫސްތައް ބުނާގޮތުގައި އެ އަންހެން މީހާއަށް ކޮވިޑް-19 ޖެހިފައިވާކަން އެނގިފައި ވަނީ އިއްޔެ އެވެ.

މިހާރު ދުނިޔެއިން ކޮވިޑް-19 ފެނިފައިވާ ޤައުމުތަކުގެ ޖުމްލަ އަދަދު ވަނީ 96 އަށް އަރާފައެވެ. އަދި މިހާތަނަށް މި ޤައުމުތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 100718 އަށް އަރާފައެވެ. މިހާތަނަށް މި ވައިރަސްގެ ސަބަބުން 3412 މީހަކު މަރުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު