އަވައްޓެރި ސްރީލަންކާގެ ސްކޫލެއްގައި ގިނަ އަދަދެއްގެ ދަރިވަރުންތަކަކަށް ވިހަ ދުމެއްގެ އަސަރުކޮށްގެން ފަރުވާދޭން ފަށައިފިއެވެ.

ލަންކާގެ ނޫސްތައް ބުނާގޮތުގައި ބުރާސްފަތި ދުވަހުގެ ވަގުތެއްގައި އެޤައުމުގެ ވާރިޔަޕޮލާ އަވަށުގެ ސްކޫލެއްގައި ހިނގި މި ހާދިސާ އާއި ގުޅިގެން 50 އަށްވުރެ ގިނަ ކުދިންނަށް ދަނީ ފަރުވާދެމުންނެވެ. މި ހާދިސާ ހިނގާފައި ވަނީ ސްކޫލުގައި ގިނަ އަދަދެއްގެ ދަރިވަރުން ކިޔަވަން ތިބި ވަގުތެއްގައެވެ.

މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން ހާލު ދެރަވި ކުދިންނަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދާއިރު، އެއިން އެއްވެސް ދަރިވަރެއްގެ ހާލު ސީރިއަސް ކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ. ނަމަވެސް ހާދިސާ ހިނގި ވަގުތު ދުމުގެ އަސަރު ކުރުމުގެ ސަބަބުން ބައެއް ދަރިވަރުން އެލާޖިކްވެ ވަރަށް ބޮޑަށް ހާލުދެރަވި ކަމަށް ވެއެވެ.

އޮފިޝަލުންނާއި ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައިވަނީ، މި ހާދިސާ އާއި ގުޅިގެން ބައެއް ކުދިންނަށް ނޭވާލާން އުނދަގޫވެ ހާސްވެގެން ވެސް ފަރުވާދެމުންދާ ކަމަށެވެ.

މި ހާދިސާ ހިނގާފައި ވަނީ ސްކޫލް ހުންނަ ސަރަޙައްދާއި ދުރުނޫން ހިސާބެއްގައި ހުރި ކުނި އެއްކުރާ ސަރަޙައްދަކުން ކުނި އެންދިވަގުތު ފެތުރުނު ދުމުގެ ސަބަބުންނެވެ. މި ހާދިސާ ހިނގައިދިޔަގޮތް އިތުރަށް ބަލައި ތަހުޤީޤު ކުރުމުގެ މަސައްކަތް ލަންކާގެ ކަމާއި ބެހޭ އިދާރާތަކުން މިހާރު ދަނީ ކުރަމުންނެވެ.