ދުނިޔޭގެ ގިނަ ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 މޮލްޑޯވާ އިންވެސް ފެނިއްޖެއެވެ.

ޔޫރަޕްގައި އޮންނަ ކުޑަގައުމެއް ކަމަށްވާ މޮލްޑޯވާ އިން ކޮވިޑް-19 ފެނުނުކަން އެގައުމުގެ ހެލްތު މިނިސްޓްރީން ވަނީ ކަށަވަރު ކޮށްދީފައެވެ.

މޮލްޑޯވާގެ ހެލްތު މިނިސްޓްރީން ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ ހޮނިހިރު ދުވަހު އިޓަލީވިލާތުން އެގައުމަށް އައި އަންހެނެއް ކަމަށެވެ. އޭނާ މޮލްޑޯވާ އަށް ދަތުރުކުރީ ފްލައިޓެއް ގައެވެ. މޮލްޑޯވާގެ ޗިސިނާއޯ ނަމަކަށް ކިޔާ ސިޓީގެ އެއާޕޯޓަށް ފްލައިޓް ޖެއްސުމާއި އެކު އޭނާގެ ހާލު ސީރިއަސް ވެގެން ވަގުތުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މޮލްޑޯވާގެ ހެލްތު މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި 48 އަހަރުގެ އަންހެން މީހާ އަކީ ސިއްހީ ތަފާތު ގިނަ މައްސަލަތަކެއް ހުންނަ މީހެކެވެ.

މޮލްޑޯވާގެ ސަރުކާރުން ވަނީ އިއްޔެ އިޓަލީވިލާތުން އެގައުމަށް ދަތުރުކުރި ފްލައިޓްގައި ތިބި ހުރިހާ ފަސެންޖަރުން ވެސް ބަލީގެ އަލާމާތެއް ނުފެނުނު ނަމަވެސް ގޭގައި އަމިއްލައަށް ކަރަންޓީން ވެގެން ތިބުމަށް އެދިފައެވެ. އަދި ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ އެކަން ލަސްނުކޮށް ހެލްތު މިނިސްޓްރީއަށް އެންގުމަށް ވެސް ވަނީ އެދިފައެވެ.

މޮލްޑޯވާގެ ގިނަ ބަޔަކު އިޓަލީވިލާތުގެ ތަފާތު ވަޒީފާތަކުގައި އުޅެއެވެ. ލަފާކުރެވޭ ގޮތުގައި މޮލްޑޯވާގެ ފަސް ލައްކައެއްހާ މީހުން އިޓަލީވިލާތުގައި ދިރިއުޅެއެވެ.

ކޮވިޑް-19 މިހާރު އެންމެ ހަލުވިކަމާއި އެކު ފެތުރެމުން އަންނަ އެއް ގައުމަކީ އިޓަލީވިލާތެވެ. ޔޫރަޕްގެ ގިނަ ގައުމުތަކަށް ކޮވިޑް-19 ފެތުރުނީ ވެސް އިޓަލީވިލާތުންނެވެ.

ކިޔުންތެރިންގެ ހިޔާލު