ކޮވިޑް-19 ޖެހިގެން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގައި ފަރުވާ ހޯދާ ހުރިހާ މީހުންނަށް ހުރިހާ ފަރުވާއެއް ހިލޭ ދިނުމަށް އެގައުމުގެ ސިއްހަތާއި ބެހޭ އިދާރާތަކުން ނިންމައިފިއެވެ.

ޔޫއޭއީގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ޕްރެވެންޝަން އާއި ދުބާއީ ހެލްތު އޮތޯރިޓީން މިއަދު ބުނީ ކޮވިޑް-19 އާއި ގުޅިގެން ބަލީގެ އަލާމާތްތައް ހުންނަ މީހުންނާއި ބައްޔަށް ޕޮޒިޓިވްވާ މީހުންނަށް ހުރިހާ ފަރުވާއެއް ހިލޭ ދިނުމަށް އަންގާ ހުރިހާ ހޮސްޕިޓަލްތަކަށް މިހާރު މެމޯއެއް ފޮނުވާފައިވާ ކަމަށެވެ.

ހިލޭ ބޭސްފަރުވާ ލިބޭނެ ފަރާތްތަކުގެ ތެރޭގައި އިންސްއަރެންސް އޮތް މީހުންނާއި އިންސްއަރެންސް ނެތް މީހުންގެ މެދުގައި އެއްވެސް ތަފާތެއް ނޯންނާނެ ކަމަށް ވެސް ޔޫއޭއީގެ އޮފިޝަލުން ވިދާޅުވެއެވެ. ޔޫއޭއީގެ އޮފިޝަލުން ވިދާޅުވީ ހުރިހާ އެންމެނަށް ވެސް އެއްވެސް ޚަރަދާއި ނުލައި ކޮވިޑް-19 އަށް ސްކްރީން ކުރުމާއި ފަރުވާ ކުރުމުގެ ޚިދުމަތް ދޭން ނިންމީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.

"ފައިސާ ދައްކަން ޖެހޭތީ އެއްވެސް މީހަކު ޑޮކްޓަރަށް ދެއްކުން ލަސް ނުކުރުމަށް ބާރު އެޅުމުގެ ގޮތުން މިފިޔަވަޅު އެޅީ. މިހާރު ޑޮކްޓަރަށް ދައްކަން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭނެތީ ކޮންމެ މީހަކަށް ވެސް ޑޮކްޓަރަށް ދެއްކުމުގައި ލުއިތަކެއް ލިބިގެންދާނެ." އޮފިޝަލަކު ވިދާޅުވިއެވެ.

ކޮވިޑް-19 ޖެހިގެން ޔޫއޭއީގައި މިވަގުތު ފަރުވާ ދެމުން ގެންދަނީ ފަސް މީހަކަށެވެ. އޭގެތެރޭގައި ޗައިނާގެ އެއް އާއިލާއެއްގެ ހަތަރު މެންބަރުން ވެސް ހިމެނެއެވެ. ފަރުވާ ދެމުން ގެންދާ އެންމެންގެ ހާލު ވެސް މިވަގުތައް ރަނގަޅު ކަމަށް ޔޫއޭއީގެ އޮފިޝަލުން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ

    މިކަން ރާއްޖޭގައި ކުރާތާ ކޮންޒަމާނެއް!

  2. Anonymous

    އެވެސް ރައީސް ނަށީދު ސަރުކާރުގަ....