ސައުދި އަރަބިއްޔާއިން އިތުރު ހަތަރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެ ގައުމުން މިހާތަަނަށް 11 މީހަކު ވަނީ މި ވައިރަސް އަށް ޕޮޒިޓިވްފެފައެވެ.

"އަލް އަރަބިއްޔާ" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސައުދީ އިން ފެނުނު ހަތަރު މީހުންގެ ތެރެއިން ތިން މީހުންނަކީ އެކި ގޮތްގޮތުން ވައިރަހަށް ޕޮޒިޓިވްވެފައިވާ މީހުންގެ ކިބައިން އެބަލި ޖެހިފައިވާ މީހުންނެވެ. އަދި ހަތަރުވަނަ މީހާ އަކީ، އިރާން ގައި ހުރުމަށްފަހު އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަށް ޒިޔާރަތްކޮށްފައި އައި މީހެއް ކަމަށް އެނޫހުން ވަނ ރިޕޯޓުކޮށްފައެވެ. އޭނާ އަކީވެސް ސައުދީ އަށް ނިސްބަތްވާ މީހެކެވެ.

މި ހަތަރު ކޭސް ފެންމަތިވެފައި ވަނީ ސައުދީ ސަރުކާރުން އެގައުމުގައި މިހާރު ތިބި، ލުބްނާން އާއި، އިޖިޕްޓު، އިޓަލީ ވިލާތް އަދި ސައުތް ކޮރެއާ އަށް ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި ދަތުރުކޮށްފައިވާ މީހުން ބަލީގެ އަލާމާތެއް ނުފެނުނު ކަމުގައި ވީނަމަވެސް ގޭގައި ކަރަންޓީނު ވުމަށް އެންގިފަހުންނެވެ.

ސައުދީ ސަރުކާރުން އަންނަނީ އެގައުމުގައި ވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅުމުންނެވެ. އެގޮތުން މައްކާގައި ހުންނަ މުސްލިމުންގެ ހަރަމްފުޅަށް ވެސް ނުވަދެވޭނެހެން ވަކި އިރެއް ވަންދެއް އެ ސަރަހައްދު ބަންދުކުރުން ހިމެނެއެވެ.

އަރަބި ގައުމުތަކުގެ ތެރެއިން މިބަލި މިހާތަނަށް ފެނިފައި ވަނީ، އީރާނުންނާއި، ސައުދީ އިންނާއި، ކުވައިތް، ޔޫއޭއީ އަދި ބަހްރައިން އިންނެވެ. މިހުރިހާ ގައުމުތަކަކުންވެސް އެންމެ ގިނައިން މީހުން ޕޮޒިޓިވް ވެފައި ވަނީ މި ބަލި ފެތުރެމުން އަންނަ މައި ގައުމު ކަމަށްވާ ޗައިނާ ފިޔަވައި، ދެން އެންމެ ގިނައިން ވައިރަސް ފެތުރެމުން އަންނަ އިރާނަށް ދަތުރުކުރުމުގެ ސަބަބުން ކަމަށް ސައުދީ ސަރުކާރުން ވަނީ ބުނެފައެވެ.