ކޮވިޑް-19 ފެތުރެން ފެށި ޗައިނާ އިން ބަލި ކޮންޓްރޯލް ވަމުންދާ ކަމުގެ އުއްމީދީ މަންޒަރުތައް ފެންނަމުން ދިޔަ ނަމަވެސް އިޓަލީވިލާތާއި، އެމެރިކާ އަދި ދެކުނު ކޮރެއާގައި ހާލަތު އިތުރަށް ގޯސްވަމުންދާ މަންޒަރު ދަނީ ފެންނަމުންނެވެ.

އިއްޔެ ޗައިނާ އިން ކޮވިޑް-19 ޖެހިގެން މަރުވީ 22 މީހުންނެވެ. އަދި އަލަށް ބަލި ޖެހުނީ 40 މީހުންނަށެވެ. ބަލި ޖެހުނު މީހުންގެ އަދަދު އިއްޔެ ވެސް ޗައިނާގައި ވަނީ އޭގެ ކުރީ ދުވަހާއި ބަލާއިރު ވަރަށް ބޮޑަށް މަދުވެފައެވެ. ހޮނިހިރު ދުވަހު 99 މީހަކު ބައްޔަށް ޕޮޒިޓިވް ވިއެވެ.

ޗައިނާ އިން މިހާތަނަށް ވަނީ ކޮވިޑް-19 ޖެހިގެން 3119 މީހަކު މަރުވެއްޖެއެވެ. އަދި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 80735 އަށް އަރާފައެވެ. މިހާތަނަށް ޗައިނާ އިން ވަނީ 58600 މީހުން ބަލިން ރަނގަޅު ވެފައެވެ.

އިޓަލީވިލާތުން މަރުވި މީހުންގެ އަދަދު 366 އަށް ވަނީ އަރާފައެވެ. އަދި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 7375 އަށް އަރާފައެވެ.

އެމެރިކާ އިން މިހާތަނަށް 564 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. މީގެތެރެއިން 21 މީހަކު ވަނީ މަރުވެފައެވެ. އެންމެ ބޮޑަށް ބަލި ފެތުރިފައިވަނީ ވޮޝިންޓަނަށެވެ. އެ ސްޓޭޓުން 18 މީހަކު ވަނީ މަރުވެފައެވެ. ދެމީހަކު ފްލޮރިޑާ އިން ދެމީހަކު އަދި ކެލިފޯނިއާ އިން އެކަކު ވަނީ މަރުވެފައެވެ.

ދެކުނު ކޮރެއާ އިން އާދީއްތަ ދުވަހު އިތުރު 248 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އަދި ދެކުނު ކޮރެއާ އިން ބަލި ޖެހުނު މީހުންގެ ޖުމްލަ މިހާރު ވަނީ 7383 އަށް އަރާފައެވެ.

ދެކުނު ކޮރެއާ އިން ފާއިތުވި ދެދުވަހު ކޮވިޑް-19 ޕޮޒިޓިވްވި މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް މަދުވި ނަމަވެސް އަދި މިއީ ބަލި ކޮންޓްރޯލް ކުރެވެމުންދާ ކަމުގެ ނިޝާނެއް ކަމަށް ބުނަން އުނދަގޫ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ޑިސެމްބަރ މަހު ޗައިނާގައި ފެތުރެން ފެށި ކޮވިޑް-19 މިހާރު ވަނީ 100 އަށް ވުރެ ގިނަ ގައުމަށް ފެތުރިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގޮއެއް

    ޔާﷲ ދުނިޔެއަށް ފެތުރިގެން ދާ ބަލިން ދިވެހި މުސްލިމުން ސަލާމަތް ކޮއް ދެއްވާށި.

    16
    1
    • ާއެނޮނިމަސް

      ދުނިޔޭގެ ކަންކޮޅުތަކުގައިވާ ހުރިހާ އިންސާނުން ސަލާމަތްކޮށް ދެއްވާށި

      12