ކޮވިޑް-19 ފެތުރެމުންދާތީ އިންޑިއާ ރައްޔިތުން ފިޔަވައި އެހެން އެއްވެސް ގައުމެއްގެ ރައްޔިތުން އިންޑިއާގެ އަރުނަޗަލް ޕްރަދޭޝްއަށް އެތެރެވުން އެ ސްޓޭޓްގެ ސަރުކާރުން މަނާކޮށްފިއެވެ.

އަރުނަޗަލް ޕްރަދޭޝް އަކީ އިންޑިއާގެ އެންމެ އުތުރުން ޓިބެޓާއި އިންޑިއާ ގުޅޭ ސަރަހައްދީ އިމުގައި އޮންނަ ސްޓޭޓެކެވެ.

އަރުނަޗަލް ޕްރަދޭޝްގެ ޗީފް މިނިސްޓަރ ޕެމާ ހަންދޫ ވިދާޅުވީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް، ބަލި ޖެހިފައި ތިބި މީހުން އެތެރެވުން ހުއްޓުވުން އެއީ އެންމެ ރަނގަޅު ނަތީޖާއެއް ނެރެވިފައިވާ ގޮތް ކަމަށާއި އެހެންކަމުން އެގޮތައް އަރުނަޗަލް ޕްރަދޭޝް އިން އަމަލު ކުރަމުން ގެންދާނެ ކަމަށެވެ.

އަރުނަޗަލް ޕްރަދޭޝް އަށް އެހެން ގައުމުތަކުގެ މީހުން އެތެރެވުން މަނާކޮށްފައި ވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.

1.5 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އަރުނަޗަލް އަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލް ސްޓޭޓެކެވެ. ފަރުބަދަމަތީގައި އޮންނަ ސްޓޭޓަށް ގިނަ ދުވަސްތަކުގައި ސްނޯ ވެސް ފައިބައެވެ.

ކޮވިޑް-19 ފެތުރެމުން ދާތީ އިންޑިއާގެ މައި ސަރުކާރުން ވެސް ވަނީ އެގައުމަށް ބައެއް ގައުމުތަކުގެ މީހުން އެތެރެވުން މިހާރު މަނާކޮށްފައެވެ.

މާޗް މަހުގެ 03 ވަނަ ދުވަހުގެ ފަހުން އީރާން، އިޓަލީ، ޖަޕާން އަދި ދެކުނު ކޮރެއާ ރައްޔިތުންނަށް ވިސާ ދޫކުރުން އިންޑިއާ އިން ވަނީ ހުއްޓާލާފައެވެ. ފެބްރުއަރީ މަހުގެ 05 ވަނަ ދުވަހުން ފެށިގެން ޗައިނާ މީހުންނަށް ވެސް އިންޑިއާ އަށް އެތެރެއެއް ނުވެވެއެވެ.

އިންޑިއާ އިން މިހާތަނަށް 39 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި އިޓަލީގެ ފަތުރުވެރިންތަކެއް ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު