ސައިޕްރަސް އިން ކޮވިޑް-19 ފެނިއްޖެއެވެ.

ސައިޕްރަސްގެ ސިއްހަތާއި ބެހޭ އޮފިޝަލުން ދެންމެ ވިދާޅުވީ އެގައުމުގެ ދެ ފިރިހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އޭގެ ތެރެއިން އެކަކީ 25 އަހަރުގެ ފިރިހެނެކެވެ. އޭނާ އަކީ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އިޓަލީވިލާތުން ސައިޕްރަސް އަށް ދިޔަ މީހެކެވެ. ސެލްފް އައިސޮލޭޝަންގައި އޭނާ ބެހެއްޓުމަށްފަހު ފުރަތަމަ ކުރި ޓެސްޓްތަކުން ކޮވިޑް-19 އަށް ނެގެޓިވް ވުމުން ވެސް އައިސޮލޭޝަންގައި ބަހައްޓާފައި މިއަދު އަލުން ޓެސްޓް ކުރިއިރު ވަނީ ޕޮޒިޓިވް ވެފައެވެ.

ދެން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ އިނގިރޭސިވިލާތުން މާޗް މަހުގެ 03 ވަނަ ދުވަހު ސައިޕްރަސް އަށް ދިޔަ މީހެކެވެ. 64 އަހަރުގެ އެމީހާގެ ގައިން އިއްޔެ ކޮވިޑް-19 ގެ އަލާމާތްތައް ފެނުމުން ޓެސްޓް ކުރިއިރު ވަނީ ޕޮޒިޓިވް ވެފައެވެ.

ސައިޕްރަސްގެ ހެލްތު މިނިސްޓްރީން ބުނީ 64 އަހަރުގެ މީހާ ސައިޕްރަސްއަށް އެނބުރި އައިފަހުން އެނާ އާއި ބައްދަލުވެފައިވާ ހުރިހާ އެންމެން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ސައިޕްރަސް އިން މިހާތަނަށް ވަނީ އިތުރު 50 މީހަކު ކޮވިޑް-19 އަށް ޓެސްޓް ކޮށްފައެވެ. އެއިން އެއްވެސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ. ނަމަވެސް ދެމީހަކުގެ ގައިން ކޮވިޑް-19 ގެ އަލާމާތްތައް ފެންނާތީ އެމީހުން އަދިވެސް ތިބީ އައިސޮލޭޓް ކޮށްފައެވެ.

ސައިޕްރަސްގެ ހެލްތު މިނިސްޓްރީން ބުނީ އެގައުމުން ކޮވިޑް-19 ފެނުނު ނަމަވެސް އެއްވެސް މީހަކު ކަންބޮޑުވާން ނުޖެހޭ ކަމަށާއި ހުރިހާ ކަމެއް ވެސް އޮތީ ކޮންޓްރޯލް ކުރެވިފައި ކަމަށެވެ.

ކޮވިޑް-19 ފެތުރެމުންދާ ގައުމަކަށް ދަތުރު ކޮށްފައިވާ ނަމަ އަމިއްލައަށް އައިސޮލޭޓް ވެގެން ހުރުމަށާއި ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ އެކަން ކަމާބެހޭ ފަރާތްތަކަށް އަންގަން ސައިޕްރަސްގެ ހެލްތު މިނިސްޓްރީން ވަނީ އެގައުމުގެ ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު