ކޮވިޑް-19 ޖެހިގެން އިޓަލީވިލާތުން މިއަދު އެކަނިވެސް 168 މީހަކު މަރުވެއްޖެއެވެ.

މިހާތަނަށް އިޓަލީވިލާތުން ވަނީ 631 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. އިތުރު 977 މީހަކަށް މިއަދު ވަނީ ކޮވިޑް-19 ޖެހިފައެވެ. އަދި އިޓަލީވިލާތުން ބަލި ޖެހުނު މީހުންގެ ޖުމްލަ މިހާރު ވަނީ 10149 އަށް އަރާފައެވެ.

މިއަދަކީ ކޮވިޑް-19 ފެތުރެން ފެށިފަހުން އިޓަލީވިލާތުން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. އަދި ދުނިޔޭގެ ހުރިހާ ގައުމަކުން މަރުވި މީހުންގެ ޖުމްލަ އެންމެ ގިނަ ދުވަހަކީ ވެސް މިއަދެވެ. އެހެންކަމުން ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން މަރުވާ މީހުންގެ ނިސްބަތް ދުނިޔެއަށް ބަލާއިރު މިހާރު ވަނީ 3.6 އިންސައްތަ މައްޗަށް ގޮސްފައެވެ.

އިޓަލީވިލާތުގައި ފަރުވާ ދެމުންގެންދާ މީހުންގެ ތެރެއިން ހާލުދެރަ މީހުންގެ އަދަދު ވެސް މިއަދު ވަނީ އިތުރުވެފައެވެ. މިހާރު އައިސީޔޫގައި ފަރުވާ ދެމުން ގެންދާ 877 މީހުން އެބަތިއްބެވެ. އިއްޔެ އައިސީޔޫގައި ފަރުވާ ދެމުން ގެންދިޔައީ 733 މީހުންނަށެވެ.

އިޓަލީވިލާތުން ބަލި ޖެހުނު މީހުންގެ ތެރެއިން 1004 މީހަކު މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ކޮވިޑް-19 ފެތުރެމުން ދާތީ އިޓަލީވިލާތުން ރޭ ވަނީ މުޅި ގައުމު ކަރަންޓީން ކޮށްފައެވެ. މަޖުބޫރު ވެގެން ނޫން ގޮތަކަށް އެގައުމުގެ ރައްޔިތުން އެހެން ގައުމުތަކަށް ދަތުރު ކުރުން ވެސް ވަނީ މަނާކޮށްފައެވެ. އަދި އާއްމުން އެއްވެގެން ބާއްވާ ހުރިހާ ހަރަކާތެއް ހުއްޓާލަން ވެސް ސަރުކާރުން ވަނީ އަންގާފައެވެ.

އިޓަލީވިލާތުގެ އާބާދީގެ 60 އިންސައްތަ އަކީ އުމުރުން 40 އަހަރަށްވުރެ ދޮށީ މީހުންނެވެ. އާބާދީގެ 23 އިންސައްތަ އަކީ އުމުރުން 65 އަހަރަށްވުރެ ދޮށީ މީހުންނެވެ. އެގައުމުގައި އުމުރުން ދުވަސްވެފައިވާ މީހުން ގިނަ ވުމުން ކޮވިޑް-19 ގައި މަރުވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ކުރިން ވެސް ސަރުކާރުން އޮތީ ލަފާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު