ތުރުކީން ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް މީހަކު ފައްސި (ޕޮޒިޓިވް) ވެއްޖެއެވެ.

ފުރަތަމަ ފަހަރަށް ތުރުކީން ކޮވިޑް-19 ފެނިފައި މިވަނީ، އެޤައުމަށްވެސް މި ވައިރަސްގެ ނުރައްކާ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ތުރުކީގެ ހެލްތު މިނިސްޓަރ، ފަހްރެއްތީން ކޯކާ ވަނީ އެޤައުމުން މި ވައިރަސް ޖެހިފައިވާ މީހަކު ފެނިފައިވާކަން ނޫސްތަކުގައި ކަށަވަރުކޮށްދީފައެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އެޤައުމުން އެންމެ ފުރަތަމަ މި ވައިރަސްއަށް ފައްސިވެފައި ވަނީ އެޤައުމުގެ ރައްޔިތެކެވެ. އޭނާއަކީ މީގެ ދުވަސްކޮޅެއް ކުރީން ޔޫރަޕަށް ދަތުރުކޮށްފައި އެނބުރި ޤައުމަށް އައި މީހެއް ކަމަށްވެސް މިނިސްޓަރ ކޯކާ ވިދާޅުވިއެވެ.

ތުރުކީން ކޮވިޑް-19 ފެނިފައިވާކަން އިއުލާނު ކުރުމަށް އެޤައުމުގެ ސަރުކާރުން ކުރިޔަށްގެންދިޔަ ނޫސް ކޮންފަރެންސުގައި، މިނިސްޓަރ ކޯކާ ވަނީ ކޮންމެހެން ކުރަންޖެހޭ ހާލަތެއްގައި މެނުވީ ޤައުމުން ބޭރަށް ނުދިއުމަށް އެޤައުމުގެ ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ. އަދި ކޮވިޑް-19 އިން ރައްކާތެރިވުމަށް މިނިސްޓްރީން ދީފައިވާ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލު ކުރުމަށްވެސް ރައްޔިތުންނަށް ބާރުއަޅުއްވާފައި ވެއެވެ.

ތުރުކީން ފުރަތަމަ ފަހަރަށް މީހަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އޭނާ މިހާރު ކަރަންޓީނުކޮށް ފަރުވާދެމުން ދާއިރު، އޭނާގެ އާއިލާގެ ބައެއް މީހުންވެސް ކަރަންޓީނުކޮށް ވައިރަސް އަށް ޓެސްޓު ކުރަމުންދާ ކަމަށް އެޤައުމުގެ އިދާރާތަކުން ބުނެއެވެ.

ތުރުކީން ކޮވިޑް-19 ފެނުމާއި އެކު މި ވައިރަސް މިހާތަނަށް ފެނުނު ޤައުމުތަކުގެ އަދަދު މިހާރު ވަނީ 117 އަށް އަރާފައެވެ.

މިހާތަނަށް ދުނިޔެއިން މި ނުރައްކާތެރި ވައިރަސް އަށް ފައްސިވި މީހުންގެ ޖުމްލަ، 118881 އަށް އަރައެވެ. މި ވައިރަސް ޖެހިގެން މިހާތަނަށް 4269 މީހަކު މަރުވެފައިވާއިރު މިހާތަނަށް މި ވައިރަސް އިން 65105 މީހަކު ވަނީ ސަލާމަތްވެފައެވެ.

ކޮވިޑް-19 އަކީ ފަހުގެ ތާރީޚެއްގައި ވެސް ދުނިޔެއަށް އެންމެ ބޮޑަށް ނުރައްކާ ކުރިމަތިކުރުވި ވައިރަސް އެވެ. މި ވައިރަސްގެ ނުރައްކަލާއި، ވައިރަސް ފެތުރެމުންދާ ހަލުވިކަމާއި ގުޅިގެން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވަނީ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު މުޅި ދުނިޔެއަށް އިއުލާނުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޫސް

    ކަރަންޓީން އައްވެސް ދިވެހިބަހެއް ބޭނުން (ފައްސި ނައްސި) ނޫނަކަސް

    • Anonymous

      ކަރަންޓީނަށް ބޭނުންކުރަންވީ ހަންމަތަކުރުން

  2. Anonymous

    އިންސާނާ ބޮޑާވެންޖެހޭ ސަބަބެއް އެބައޮތްބާ. ނަަމަވެސް އަދިވެސް ﷲށް ގޮންޖަހަން މަސައްކަތްކުރާ ބަޔަކު މަތިފަޑީގައި އެބައުޅެ. ލޮލަށް ނުފެންނަ ކުޑަކުޑަ މަޚްލޫޤެއްގެ ސަބަބުން މުޅި އިންސާނިއްޔަތު މިވަނީ ހަފުސްވެފަ. ބުއްދީގެ އަހުލުވެރިންނޭ ﷲގެ ޙަޟްރަތަށް ރުޖޫޢަވާކަށް ނުވޭތޯ. މުއުމިނުންގެ އީމާންތެރިކަން އިހުނަށްވުރެ މިކަހަލަ ވަގުތުތަކުގައި ވަރުގަދަވޭ.
    މި މުޞީބާތުގެ ވަގުތުގައިވެސް ބަލަނީ ނާޖާއިޒު ފާއިދާއެއް ހޯދޭތޯ. ތަކެތީގެ އަގު މައްޗަށް ޖައްސަން. މިގޮތަށް ކަންތައް ކުރުމުން އޭގެ ހުރިހާ ގެއްލުމެއް ލިބެނީ ނިކަމެތި މީހާއަށް.