ކޮވިޑް-19 ޖެހިގެން އިންޑޮނޭޝިއާއިން މީހަކު މަރުވެއްޖެއެވެ. މިއީ މި ވައިރަސް ޖެހިގެން އެ ގައުމުން މަރުވި ފުރަތަމަ މީހާއެވެ.

އިންޑޮނޭޝިއާގެ “އަންޓާރާ” ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެގައުމުން މި ވައިރަސް ޖެހިގެން މަރުވެފައިވަނީ އުމުރުން 53 އަހަރުގެ އެހެންގައުމެއްގެ މީހެކެވެ. އެހެން ނަމަވެސް އެއީ ކޮންގައުމެއްގެ މީހެއް ކަމެއް ހާމަ ކޮށްފައެއް ނުވެއެވެ.

އިންޑޮނޭޝިއާއަށް މަރުވެފައިވާ އެމީހާއަކީ މީގެ ކުރިން ހަކުރު ބަލި، ނޭވާ ހާސްވާ ފަދަ ބަލިތަކަށް ފަރުވާ ހޯދަމުން އައި މީހެއް ކަމަށް އެ ނޫހުންވަނީ ބުނެފައެވެ.

އޭނާ ބައްޔަށް ޝައްކުވި ހިސާބުން ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ ކަމަށް އެގައުމުގެ ސަރުކާރުގެ ސްޕޯކްސްޕާސަން ވަނީ ބުނެފައެވެ.

އިންޑޮނޭޝިއާގައި މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 27 އަށް އަރާފައެވެ. އަދި މި ބައްޔަށް ފަރުވާދެވި 2 މީހަކު ވަނީ ރަނގަޅު ވެފައެވެ.

ގައިންގަޔަށް އަރާ މި ބައްޔަށް އަދި ވެކްސިނެއް އުފެއްދިފައެއް ނުވެއެވެ.

މި ބަލި ޖެހޭ މީހުންގެ ތެރެއިން ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނަށް މި ބަލީގެ ނުރައްކާ ބޮޑު ނަމަވެސް މި ބަލި ޖެހޭ ކޮންމެ މީހަކު މަރެއް ނުވެއެވެ. ދުރާލާ އެކަމަށް ތައްޔާރުވެގެން އެކަށީގެންވާ ފިޔަވަޅު އަޅައިފިނަމަ ބަލިން ސަލާމަތްވެއެވެ.

ކިޔުންތެރިންގެ ހިޔާލު