ކޮވިޑް-19 ޖެހިގެން އަލްބޭނިއާ އިން މީހަކު މަރުވެއްޖެއެވެ.

މިއީ ވައިރަސްގެ ޝިކާރަ އަކަށްވެ އެ ގައުމުން މީހަކު މަރުވި ފުރަތަމަ ފަހަރެވެ.

މިހައިތަނަށް އަލްބޭނިއާ އިން 12 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި(ޕޮސިޓިވް) ވެފައެވެ.

ވައިރަސްގެ ޝިކާރަ އަކަށްވެ މިއަދު މުޅިން އަލަށް 5 ގައުމަކުން މީހުން ވަނީ މަރުވެފައެވެ. އެއީ އަލްބޭނިއާ، ޕަނަމާ، އިންޑޮނޭޝިޔާ، ބެލްޖިއަމް އަދި ލުބްނާނުންނެވެ.

މިއަދުގެ މިހައިތަނަށް 11 ގައުމަކުން 104 މީހަކު ވަނީ ވައިރަސް ޖެހިގެން މަރުވެފައި ވާއިރު، މިހައިތަނަށް ޖުމްލަ 29 ގައުމަކުން މީހުން ވަނީ މަރުވެފައެވެ. އަދި ދުނިޔޭގެ 120ށް ވުރެން ގިނަ ގައުމުން ވައިރަސް ވަނީ ފެނިފައެވެ.

ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް-19 މިހާރު ރާއްޖެ އިންވެސް ފެނިފައިވާއިރު ހުރިހާ ފަރާތްތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން ވަރަަށް މުހިއްމެވެ.

މިގޮތުން ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުނިކުތުމާއި، މޫނުގައި އަތް ހޭކުން މަދުކޮށް، ވީހައިވެސް ގިނައިން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުން ހިމެނެއެވެ.

ޗައިނާ އިން ފެތުރެން ފެށި ކޮވިޑް-19 މިހާރު ދުނިޔޭގައި މީހުން ދިރިއުޅޭ ހުރިހައި ބައްރަަކަށް ފެތުރިފައި ވާއިރު މި ވައިރަސް ނުޖެހި ވަނީ ވަރަށްވެސް މަދު ގައުމުތަކަކަށެވެ. އަދި ވައިރަސްގެ ސަބަބުން ދުނިޔޭގެ ބޮޑެތި އެއާލައިންތަކާއި ބޮޑެތި ވިޔަފާރިތައް ބަނގުރޫޓު ވެދާނެކަމުގެ ބިރު ވަނީ ފެތުރެން ފަށާފައިކަންވެސް ފާހަގަކޮށްލެވެއެވެ.