ދުނިޔޭގެ ގިނަ ގައުމުތަކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ގެ އަސަރު ޖަރުމަނު ވިލާތުގައި ދިރިއުޅެމުން އަންނަ 70 އިންސައްތަ މީހުންނަށް ޖެހިދާނެ ކަމަށް އެގައުމުގެ ޗާންސެލަރު އެންޖެލާ ޑޮރތިއާ މާކެލް ވިދާޅުވެއްޖެއެވެ.

ދުނިޔޭގައި ހަލުވި ކަމާއިއެކީ ކޮވިޑް-19 ފެތުރެމުން އަންނާތީ ޔޫރަޕިއަން ޔޫނިއަނުން ވަނީ ބަލި އާއި ހަނގުރާމަ ކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަށް ވިދާޅުވެފައެވެ. އީޔޫއިން މިފަދައިން ވިދާޅުވެފައިވަނީ ދާދި ފަހުން އިޓަލީއިން އެންމެ ގިނަ މީހުން މިބަލިން މަރުވުމާއި ގުޅިގެންނެވެ. އިޓަލީއިން މިބަލި ފެނިފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. މިހާތަނަށް އެގައުމުން ވަނީ މިބަލި ޖެހިގެން 631 މީހުން މަރުވެފައެވެ.

އީޔޫގެ 27 މެމްބަރުން ހިމެނޭ ޓީމުން މިގޮތަށް ކަންތައް ކުރަން ނިންމާފައިވަނީ ދާދި ފަހުން ކުރިއަށްދިޔަ ބައްދަލުވުމެއްގައެވެ.

ކޮވިޑް-19 ޖެހިގެން ޖަރުމަނުން މިހާތަނަށްވަނީ 1656 މީހަކު ރިޕޯޓް ކޮށްފައެވެ. އެގައުމުން މިހާތަނަށް މިބަލި ޖެހިގެން 3 މީހަކު ވަނީ މަރުވެފައެވެ.

ވެކސިނެއް އަދި އުފެއްދިފައިނުވާ މި ބަލި ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ވުހާން ސިޓީންނެވެ. ބަލި ފެތުރިފައިވާ ގައުމުތަކުން މިހާތަނަށް ލައްކައަކަށްވުރެ ގިނަ މީހުން ވަނީ ރިޕޯޓް ކޮށްފައެވެ. މިބަލީގެ ސަބަބުން 4،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު މީގެ ތެރެއިން އެންމެ ގިނަ މީހުން މަރުވެފައިވަނީ ވައިރަސް ފުރަތަމަ ފެތުރެން ފެށި ޗައިނާއިންނެވެ.

ނަމަވެސް އިއްޔެ އެގައުމުގެ ރައީސް ޒީ ޖިންގްޕިން ވުހާން އަށް ޒިޔާރަތް ކުރުމުން މުރާސިލުން ބުނަމުން އަންނަނީ އެއީ ޗައިނާ އިން ވައިރަސް ކޮންޓްރޯލް ކުރެވުނުކަމަށް ގަބޫލުކުރާ ނިޝާނެއް ކަމަށެވެ.

މިހާރު ޗައިނާގައި ވައިރަސް ފެތުރެމުން އަންނަ މިންވަރާއި މީހުން މަރުވާ މިންވަރު މަދުވެފައި ވާއިރު ސަރުކާރުން އަންނަނީ ރައްޔިތުން އާއްމު ދިރިއުޅުމަށް ބަދަލުވުމަށް ބާރު އަޅަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މި ޖީލަށް މި ލައިގަތް ބޮޑު ބިރުވެރި ވަބާއިން ސަލާމަތް ވުމާމެދު ޝައްކުއުފެދޭ، ސަބަބަކީ މުސީބާތް މެދުވެރިވީ ކޮންކަމަކާހެދިތޯ ބެލީ އަދި އެކަމަށް ފިޔަވަޅު އެޅީ ކޮންބައެއްތޯ. އިނަސާނުންގެ ޢަމަލުތަށްހުންނަގޮތުން މެދުވެރިވާ މިފަދަ ސުންޕާވެރި ބަލިމަޑުކަމަކީ އުޤޫބާތެކޭވެސް ދެންނެވިދާނެ. މިސާލަކަށް އެއިޑްސް ކަހަލަ ނުރައްކާތެރިބަލި އަށަގަތީ..........
    ނަމަވެސް ﷲއަށް ދުޢާ ދަންނަވާ، ކިރިޔާވެސް ސަލާމަތްތެރިކަމެއް ލިބޭނީ

  2. ރައްޔަތެން

    ޖަރުމަނުން އަދިވެސް ރާއްޖެ މީހުން އާދޭ. ސަރުކާރު ފޭލް ވެފަާ ވާކަމުގެ އަލާމާތެ.