އިސްރާއީލުން ހިސޯރުކޮށްފައި އޮތް ފަލަސްތީނުގެ ޣައްޒާ އިން ކޮވިޑް-19 ފެނިއްޖެއެވެ.

ޣައްޒާ އިން އަދި މިހާތަނަށް ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައި ވަނީ އެންމެ މީހެކެވެ. އެއީ ނޫސްވެރިއެއް ކަމަށް މައުލޫމާތު ލިބެއެވެ.

ޣައްޒާ އިން މީހަކަށް ކޮވިޑް-19 ޖެހުމުން ފަލަސްތީނުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 31 އަށް އަރާފައެވެ. މީގެ ކުރިން ހުޅަނގުއައްސޭރިން ވަނީ 30 މީހަކަށް ބަލި ޖެހިފައެވެ.

ފަލަސްތީންގައި އަދި ހާއްސަކޮށް ޣައްޒާގައި ކޮވިޑް-19 ފެތުރިގެން ހިނގައްޖެނަމަ އެތައް ބަޔަކަށް ބަލި ޖެހިގެން ދިއުމުގެ ބިރު އެބައޮތެވެ. އަދި ގިނަ ބަޔަކު މަރުވުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެއީ ފަލަސްތީންގެ ގިނަ ސަރަހައްދުތަކުގައި ވެސް އަދި ޣައްޒާގައި ވެސް އެކަށީގެންވާ މިންވަރަކާއި ގާތައް ވެސް ސިއްހީ ޚިދުމަތްތައް ލިބެން ނުހުންނާތީއެވެ.

އިސްރާއީލުން ޣައްޒާ ހިސޯރު ކޮށްފައި އޮންނާތީ ޣައްޒާ އަށް ބޭސް ވެއްދުން އެއީ ވެސް ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވާ ކަމެކެވެ.

އިސްރާއީލްގައި ވެސް ދަނީ ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުންނެވެ. އިސްރާއީލުން މިހާތަނަށް 79 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އިސްރާއީލުން މިހާރު ވަނީ 100 މީހުންނަށް ވުރެ ގިނައ މީހުން އެއްވެގެން އެއްވެސް ބައްދަލުވުމެއް ވެސް ނުބާއްވަން އެގައުމުގެ ރައްޔިތުންނަށް އަންގާފައެވެ.

ކޮވިޑް-19 މިހާރު އެންމެ ހަލުވިކަމާއި އެކު ފެތުރެމުން އަންނަނީ ޔޫރަޕްގައެވެ. އަދި މެދުއިރުމަތީގެ ބައެއް ގައުމުތަކުން ވެސް މިހާރު ގެންދަނީ ބަލި ޖެހިފައި ތިބި މީހުން ގިނަ އަދަދަކަށް ފެންނަމުންނެވެ. ފަލަސްތީނާއި އަވައްޓެރި އީރާންގައި ކޮންޓްރޯލެއް ނެގި ބަލި ފެތުރެމުން އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު