ކޮވިޑް-19 އަކީ މުޅިދުނިޔެއަށް ފެތުރޭ ބޮޑު ބަލިމަޑުކަމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ކަނޑައަޅައިފިއެވެ.

ކޮވިޑް-19 އަށް "ޕެންޑެމިކް" އެއް ކަން އިއުލާން ކުރީ ޑަބްލިއުއެޗްއޯ އިން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑަބްލިއުއެޗްއޯ އިން ބުނީ ކޮވިޑް-19 އަށް ޕެންޑެމިކް އެއް ކަމަށް ކަނޑައަޅާފައި ވާއިރު މިހާރު ބަލި އޮތް ހާލަތުން ގައުމުތަކުން އަޅައިނުލައި ދޫކޮށްލައިފިނަމަ ބޮޑެތި ގެއްލުންތަކެއްވެ އެތައް ބަޔަކު މަރުވެގެން ދާނެ ކަމަށެވެ.

ޖެނީވާގައި ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް އަދަނޮމް ވިދާޅުވީ ކޮވިޑް-19 ފެތުރެމުންދާ ގޮތައް ބަލާއިރު ބަލި ޖެހޭ މީހުންގެ އަދަދު ވެސް އަދި، ބަލި ޖެހޭ މީހުން މަރުވާ އަދަދު ވެސް ހުރީ ކަންބޮޑުވާން ޖެހޭ ފަދަ ހާލަތެއްގައި ކަމަށެވެ.

ނަމަވެސް ޓެޑްރޯސް ވިދާޅުވީ ކޮވިޑް-19 އަކީ މުޅި ދުނިޔެއަށް ފެތުރޭ ބަލިމަޑުކަމެއް ކަމަށް ނިންމުން އެއީ ބިރުވެރިކަން އުފެއްދުމަށް ބޭނުންކުރާ ބަހަކަށް ހަދައިގެން ނުވާނެ ކަމަށެވެ.

"ޕެންޑަމިކް އަކީ ފަސޭހައިން ބޭނުންކުރާ، މާމުހިއްމުކަމެއް ނެތް ބަހެއްގެ ގޮތުގައި ދެކިގެން ނުވާނެ. އަދި އެއީ އާއްމުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ބޭނުން ކުރާ ބަހަކަށް ވެސް ހަދައިގެން ނުވާނެ." ޓެޑްރޯސް ވިދާޅުވިއެވެ.

އޭނާ ވަނީ ކޮވިޑް-19 ޖެހިގެން މިހާތަނަށް 118000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ދުނިޔޭގެ 114 ގައުމަކުން މިހާތަނަށް ބަލި ފެނިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ޑަބްލިއުއެޗްއޯ އިން ވިދާޅުވީ ކޮވިޑް-19 އަކީ ޕެންޑަމިކް އެއް ކަމަށް ނިންމި ނަމަވެސް ބައްޔާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތައް ބަދަލެއް ނާންނާނެ ކަމަށާއި މިހާރު ވެސް ޑަބްލިއުއެޗްއޯ އިން ބައްޔާއި ދެކޮޅަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާ ކަމަށެވެ.

ޓެޑްރޯސް ވިދާޅުވީ މިހާރު ގައުމުތަކުން އެންމެ ބޮޑަށް އިސްކަން ދޭންވީ މުޖުތަމަޢުގެ ތެރެއަށް ބަލި އިތުރަށް ފެތުރިގެން ދިއުން ހުއްޓުވަން ކުރެވެން ހުރި މަސައްކަތްތައް ކުރާށެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ ފެތުރެން ފެށި ޗައިނާގައި މިހާރު ބަލި ކޮންޓްރޯލް ކުރެވިފައި ވީނަމަވެސް ހާއްސަކޮށް ޔޫރަޕްގެ ގައުމުތަކުގައި ދަނީ ވަރަށް ބޮޑަށް ބަލި ފެތުރެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު