އިންޑިއާ އިން ފަތުރުވެރިންނަށް ވިސާ ދިނުން މާޗް މަހުގެ 14 ވަނަ ދުވަހުން ފެށިގެން މެދުކަނޑާލަން އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.

ކޮވިޑް-19 ފެތުރިގެން ދިއުމުގެ ބިރު ބޮޑުވެފައި ވާތީ އިންޑިއާ އިން ހުރިހާ ގައުމެއްގެ މީހުންނަށް ވެސް ޓްއަރިސްޓް ވިސާ ދޫކުރުން ހުއްޓާލާފައިވާކަން އިއުލާން ކުރީ ދެންމެ އިންޑިއާ ސަރުކާރުން ނެރުނު ބަޔާނެއްގައެވެ.

އިންޑިއާ ސަރުކާރުން ބުނީ ޓްއަރިސްޓް ވިސާ ދޫކުރުން މެދުކަނޑާލީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ކަމަށެވެ.

ވިސާ ދޫކުރާ އުސޫލަށް ބަދަލު ގެނައި ނަމަވެސް އިންޑިއާ އަށް ދަތުރު ކުރާ ގައުމުތަކުގެ ޑިޕްލޮމެޓުންނާއި، ސަރުކާރުތަކުގެ އޮފިޝަލުންނާއި، އދ. އަދި ބައިނަލްއަޤުވާމީ ޖަމިއްޔާތަކުގެ މުވައްޒަފުންނާއި، އެކިއެކި ޕްރޮޖެކްޓްތަކާއި ގުޅިގެން ވިސާ ނަގާފައިވާ މީހުންނަށް އެއްވެސް ދައްޗެއް ނެތި އިންޑިއާ އަށް އެތެރެ ވެވޭނެއެވެ.

މީގެ އިތުރުން ކޮންމެހެން އިންޑިއާ އަށް ދަތުކުރަން ޖެހި ނަމަވެސް ވިސާ ދިނުމުގައި ގެނައި ބަދަލުގެ ސަބަބުން ދަތުރުކުރަން ދަތިވެފައިވާ ފަރާތެއް ހުރިނަމަ އެންމެ ކައިރީގައި ހުރި އިންޑިއާގެ މިޝަންއަކާއި ގުޅުމުން އެމީހެއްގެ ދަތުރުގެ އިންތިޒާމްތައް ހަމަޖައްސައިދޭނެ ކަމަށް ވެސް އިންޑިއާ އިން ބުނެއެވެ.

އިންޑިއާ އިން ވަނީ ޗައިނާ، އީރާން، އިޓަލީ، ކޮރެއާ، ފްރާންސް، ސްޕޭން އަދި ޖަރުމަންވިލާތުން އިންޑިއާ އަށް ދަތުރުކުރާ މީހުން 14 ދުވަސް ވަންދެން ކަރަންޓީން ކުރަން ވެސް ނިންމާފައެވެ.

އިންޑިއާ އިން ޓްއަރިސްޓް ވިސާ ދިނުން ހުއްޓާލާފައި މިވަނީ ކޮވިޑް-19 އަކީ މުޅި ދުނިޔެއަށް ފެތުރެމުންދާ ބަލިމަޑުކަމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ކަނޑައެޅިތާ އިރުކޮޅެއް ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސުވާލް

    ރާއްޖޭން ހުރިހާ ގައުމުތަކުގެ މީހުންނަށް ވިސާދިނުން މެދުކަނޑާފަތަ އޮތީ ސޯލިހާ؟ މިކަންއޮތީ ކިހިނެއް؟