ކޮވިޑް-19 ޖެހިގެން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިޓަލީވިލާތުން އަނެއްކާވެސް 196 މީހަކު މަރުވެއްޖެއެވެ.

މިހާތަނަށް ކޮވިޑް-19 ޖެހިގެން އިޓަލީވިލާތުން މަރުވި މީހުންގެ އަދަދު ވަނީ 827 އަށް އަރާފައެވެ. އިތުރު 2313 މީހަކު މިއަދު ވަނީ އިޓަލީވިލާތުން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. އަދި މިހާތަނަށް އިޓަލީވިލާތުން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 12000 އަށް އަރާފައެވެ.

އިޓަލީވިލާތުން މިހާތަނަށް ބަލިން ރަނގަޅު ވެފައި ވަނީ 1045 މީހުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 40 މީހުންނެވެ. އެހެންކަމުން މިހާރު ވެސް އިޓަލީވިލާތުގައި ބަލި ޖެހިފައި ތިބި 10590 މީހުން އެބަތިއްބެވެ.

އިޓަލީވިލާތުގެ 20 ރީޖަންގެ ތެރެއިން 13 ރީޖަން އަކުން މިހާރު ވަނީ ބަލި ޖެހިގެން މީހުން މަރުވެފައެވެ.

އިޓަލީވިލާތުގެ ހެލްތު މިނިސްޓްރީން ބުނީ މިހާތަނަށް އެގައުމުގެ 73000 މީހުން ކޮވިޑް-19 އަށް ޓެސްޓް ކޮށްފައިވާ ކަމަށެވެ.

ކޮވިޑް-19 އެންމެ ބޮޑަށް ފެތުރުމުން ޗައިނާ އަށް ވުރެ މަރުވާ މީހުންގެ ނިސްބަތް އިޓަލީވިލާތުގައި މައްޗަެވެ. އެންމެ ބޮޑަށް ބަލި ފެތުރިފައިވާ ލޮމްބާޑީ ސަރަހައްދަށް ބަލާއިރު އެސަރަހައްދުން ބަލި ޖެހޭ މީހުންގެ ތެރެއިން 6.2 އިންސައްތަ މީހުން މަރުވެއެވެ. ނަމަވެސް ހުރިހާ ސަރަހައްދެއްގެ އެވްރެޖަށް ބަލާއިރު މަރުވާ މީހުންގެ ނިސްބަތް އުޅެނީ 3.7 އިންސައްތައިގައެވެ.

އިޓަލީވިލާތުގެ ސަރުކާރުން ވަނީ އަންގާރަ ދުވަހުން ފެށިގެން މުޅި އިޓަލީވިލާތް ކަރަންޓީން ކޮށްފައެވެ. އަދި އާއްމުން އެއްވެ އުޅޭ ތަންތަން ބަންދުކޮށް، އެއްވުންތަކާއި، ޕާޓީތައް ބޭއްވުން ވަނީ މަނާކޮށްފައެވެ.

އިޓަލީވިލާތުގެ މީޑިއާތަކުން ބުނާ ގޮތުގައި އެގައުމުގެ އެންމެ އުތުރާއި އެންމެ ދެކުނުގެ ސަރަހައްދުތަކުގައި ބަލި ދަނީ އަދިވެސް ހަލުވިކަމާއި އެކު ފެތުރެމުންނެވެ.

ކޮވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކުރުމަށް އިއްޔެ އިޓަލީވިލާތުގެ ސަރުކާރުން ވަނީ 25 ބިލިއަން ޔޫރޯގެ ބަޖެޓެއް އެކުލަވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު