ކޮވިޑް-19 ފެތުރެމުންދާތީ ޑެންމާކް ވެސް ބަންދުކޮށްފިއެވެ. ޑެންބާކަކީ ބަންދުކުރި (ލޮކްޑައުން ކުރި) ޔޫރަޕްގެ ދެވަނަ ގައުމެވެ. މީގެ ކުރިން އިޓަލީވިލާތް ވެސް ވަނީ ކޮވިޑް-19 ފެތުރެމުން ދާތީ ބަންދުކޮށްފައެވެ.

ޑެންމާކްގެ ބޮޑުވަޒީރު މެޓް ފްރެޑެރިކް ވަނީ ޑެންމާކްގެ ހުރިހާ ސްކޫލާއި، ޔުނިވަސިޓީތަކާއި، ކިންޑަގާޑަންތައް ދެހަފްތާ ދުވަހަށް ބަންދުކުރަން ވެސް ނިންމާފައެވެ. އަދި 100 އަށް ވުރެ ގިނަ މީހުން ބައިވެރިވެގެން އިންޑޯ އިވެންޓްތައް ވެސް ބޭއްވުން ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން އަމިއްލަ އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްތައް ކުރެވޭނެ ގޮތައް އިންޒާމް ހަމަޖައްސަން ސަރުކާރުން މިހާރު ވަނީ އަންގާފައެވެ.

ޑެންމާކް އިން މިހަފްތާގައި އެކަނިވެސް 442 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ.

ބޮޑުވަޒީރު މެޓް ވިދާޅުވީ ކޮވިޑް-19 އަކީ ގައުމަށް ދިމާވާނެ ބޮޑު ގޮންޖެހުމެއް ކަމަށާއި، މިކަމަށް ގައުމުން "އަގެއް ދައްކަން ޖެހޭނެ." ކަމަށެވެ.

"އަޅުގަނޑުމެން އެންމެން ވެސް ޖެހޭނެ މިކަމަށް އަގެއް ދައްކަން. ވިޔަފާރިތައް ވެސް ބަންދު ކުރަން ޖެހޭނެ. ބައެއް މީހުންގަ ވަޒީފާތައް ވެސް ގެއްލޭނެ. ނަމަވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ ގެއްލުންތައް ކުޑަކޮށް، މިހާލަތުން އަރައިގަތުމަށް." މެޓް ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ޑެންމާކް ބަންދު ކުރަން މިނިންމީ އަދިވެސް ބައެއް ގައުމުތަކުން ކޮވިޑް-19 އާއި ގުޅިގެން ސީރިއަސް ފިޔަވަޅުތަކެއް އަޅަމުން ނުގެންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނިކޮށެވެ. ޑަބްލިއުއެޗްއޯ އިން ރޭ ވަނީ ކޮވިޑް-19 އަކީ މުޅި ދުނިޔެއަށް ފެތުރެމުންދާ ބޮޑު ބަލިމަޑުކަމެއް ކަމަށް ވެސް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު