ކޮވިޑް-19 ޖެހިގެން އޮސްޓްރިއާ އާއި ގަޔާނާ އިން މީހަކު މަރުވެއްޖެއެވެ.

އޮސްޓްރިއާ އިން މި ބައްޔަށް މިއަދު އެކަނި ވެސް 25 މީހަކު ފައްސި (ޕޮޒިޓިވް)ވިއެވެ. އެ ގައުމުން މި ބަލި 302 މީހެއްގެ ގައިން ފެނިފައިވެއެވެ. ގަޔާނާ އިން މީހަކު ޕޮޒިޓިވް (ފައްސި) ވިކަމާއި އެ ބަލީގައި އެމީހާ މަރުވިކަން އިއުލާން ކުރީ މިއަދެވެ.

އޮސްޓްރިއާގެ ވެރިރަށް ވިއެނާގެ ކަމާއި ބެހޭ އިދާރާތަކުން ބުނެފައިވަނީ އެ ބަލި ޖެހިގެން އެގައުމުން މަރުވެފައިވަނީ އުމުރުން 69 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ އަކީ ދާދި ފަހުން އިޓަލީއަށް ޒިޔާރަތް ކޮށްފައިވާ މީހެއް ކަމަށް ވަނީ ބުނެފައެވެ. އޭނާ އެ ބައްޔަށް ޕޮޒިޓިވްވި ހިސާބުން ފެށިގެން އެގައުމުހެ ކައިސާ ފްރާޒް-ޖޮސެފް ހޮސްޕިޓަލުގައި ދިޔައީ ފަރުވާ ދެމުންނެވެ.

އިޓަލީ އަކީ ބަލި ފުރަތަމަ ފެނުނު ޗައިނާ ފިޔަވައި މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވާ އެއް ގައުމެވެ.

މިބަލި ޖެހިގެން ގަޔާނާ އިން މަރުވެފައިވަނީ 52 އަހަރުގެ އަންހެނެކެވެ. އޭނާ އަކީ މީގެ ކުރިން އެމެރިކާއަށް ދަތުރުކޮށްފައިވާ މީހެއް ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ. އޭނާ މަރުވީ ޖޯޖްޓައުންގެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. ވެކްސިނެއް އަދި އުފެއްދިފައިނުވާ މި ވައިރަސްގެ ސަބަބުން މިހާތަނަށް ބަލި ފެތުރިފައިވާ ގައުމުތަކުން ވަނީ 4,600 އަށް ވުރެގިނަ މީހުން މަރުވެފައެވެ. އަދި މި ބަލި ލައްކައަކަށްވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު 68,335 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ.