ކޮވިޑް-19 ޖެހިގެން އަޒަރުބައިޖާނާއި ނޯވޭ އިން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެއެވެ.
ޔޫރަޕާއި، މެދުއިރުމަތި ގުޅޭ ސަރަހައްދީ އިމުގައި އޮންނަ އަޒަރުބައިޖާނުން މިހާތަނަށް 15 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. އޭގެ ތެރެއިން ހަތަރު މީހަކު ކޮވިޑް-19 އަށް ފައްސިވީ މިއަދު އެވެ.
މިއަދު ލިބުނު މައުލޫމާތުތަކަށް ބަލާއިރު ނޯވޭގައި ހަލުވިކަމާއި އެކު ދަނީ ކޮވިޑް-19 ފެތުރެމުންނެވެ.
މިއަދު އެކަނިވެސް އެގައުމުން 107 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި އެގައުމުން މިބައްޔަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 736 އަށް އަރާފައެވެ.
މިހާރު ފާހަގަ ވެފައިވާ ގޮތުގައި ނޯވޭ އަކީ ކޮވިޑް-19 އެންމެ ބާރަށް ފެތުރެމުންދާ ދިހަ ވަނަ ގައުމެވެ.