އިނގިރޭސިވިލާތުގެ 10000 ރައްޔިތުންނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ބެލެވޭ ކަމުގައި އެގައުމުގެ ސަރުކާރަށް ލަފާއަރުވާ އެންމެ އިސް ސައިންސްވެރިޔާ ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ހާމަކޮށްފައިވާ ރަސްމީ ހިސާބުތައް ދައްކާ ގޮތުން އެގައުމުން ކޮވިޑް-19 ޖެހިފައި ވަނީ 590 މީހަކަށެވެ.

ނަމަވެސް މިހާރު އިނގިރޭސިވިލާތުގެ ސަރުކާރުން ލަފާކުރާ ގޮތުގައި 5000 އާއި 10000 އާއި ދެމެދުގެ އަދަދެއްގެ މީހުންނަށް އެގައުމުން ވާނީ ކޮވިޑް-19 ޖެހިފައެވެ. އެހެންކަމުން އެއްވެސް އަލާމާތެއް ފެނިއްޖެނަމަ މާދަމާ އިން ފެށިގެން ހަތް ދުވަސް ވަންދެން ގެއިން ނުނިކުމެ ތިބުމަށް ސަރުކާރަށް ލަފާއަރުވާ އިސް ސައިންސްވެރިޔާ ކަމަށްވާ ޕެޓްރިކް ވެލެންސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

އުމުރުން ދުވަސްވީ މީހުން ހާއްސަ ގޮތެއްގައި ގެއިން ނުނިކުތުމަށާއި މީހުން އެއްވާ ތަންތަނަށް ނުދިއުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ. މީގެ އިތުރުން އެއްވެސް ސްކޫލަކުން ގައުމުން ބޭރަށް ދަރިވަރުން ދަތުރު ކުރުމަށް ނިންމާފައި ވާނަމަ އެދަތުރެއް ކެންސަލް ކުރުމަށް ވެސް ސަރުކާރުން ވަނީ އަންގާފައެވެ.

އަދި ކުޅިވަރި ހަރަކާތްތައް ވެސް ސަޕޯޓަރުން ސްޓޭޑިއަމަށް ނުވައްދައި ކުރިއަށް ގެންދިއުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ އިލްތިމާސް ކޮށްފައެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ މިއީ އާއްމު ސިއްހަތުގައި އިނގިރޭސިވިލާތައް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަށް ވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ދީފައެވެ.

ބޮރިސް ވިދާޅުވީ ލަފާކުރެވޭ ގޮތުގައި މިއީ ކޮވިޑް-19 އާއި ގުޅޭ އެންމެ ނުރައްކާތެރި ދުވަސްކޮޅު ކަމަށާއި، މިދުވަސްކޮޅު ތެރޭގައި ބަލި އިތުރަށް ނުފެތުރި ކޮންޓްރޯލް ކުރެވިއްޖެނަމަ މި ގޮންޖެހުމުން ފަސޭހައިން އަރައިގަނެވިދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު