އުތުރު ކޮރެއާއާއި ދެކުނު ކޮރެއާ ގުޅޭ ބޯޑަރު ސަރަހައްދުގައި ދެކުނު ކޮރެއާއިން ގާއިމުކޮށްފައިވާ ޕްރޮޕެގެންޑާ ސްޕީކަރުތައް ބޭނުންކުރުން އެގައުމުން މެދުކަނޑާލައިފިއެވެ.

ޕްރޮޕެގެންޑާ ފެތުރުމަށް ބޭނުންކުރެވޭ މި ސްޕީކަރުތައް ދެކުނު ކޮރެއާއިން ނިވާލާފައިވަނީ އަސްކަރީ ގޮތުން ދެ ގައުމުގެ ދެމެދުގައިވާ މަސްލަހަތު ރަނގަޅުކޮށް ސުލްހަވެރިކަމަށްޓަކައި ދެ ގައުމުންވެސް ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ވާހަކަތަކަށް ތައްޔާރުވުމަށްކަމަށް ދެކުނު ކޮރެއާގެ ޑިފެންސް މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ.

ދެކުނު ކޮރެއާއިން އެގައުމުގެ ސްޕީކަރުތައް ނިއްވާލާފައިވީނަމަވެސް އުތުރު ކޮރެއާއިން އެގައުމުގެ ޕްރޮޕެގެންޑާ ސްޕީކަރުތައް ނިއްވާލާނޭކަމުގެ މައުލޫމާތެއް އަދި ވަނީ ނުލިބިފައެވެ. އުތުރު ކޮރެއާގެ ސްޕީކަރުތަކުން އާންމުގޮތެއްގައި އިއްވިގެންދަނީ ދެކުނު ކޮރެއާއާއި އެގައުމުގެ އެކުވެރި ގައުމުތަކަށް އަމާޒުކޮށް ކިޔޭ ފާޑުކިޔުންތަކެވެ.

ދެކުނު ކޮރެއާގެ އެ ސްޕީކަރުތަކަކީ ދެކުނު ކޮރެއާއާއި ދުނިޔޭގެ ހަބަރުން ފެށިގެން ކޭ ޕޮޕް ލަވަތައްވެސް ޖެހުމަށްވެސް ދެކުނު ކޮރެއާއިން ބޭނުންކުރަމުން އައި ސްޕީކަރުތަކެކެވެ. ސްޕީކަރުތަކުގެ މައިގަނޑު މަގްސަދަކީ އޭގެ ޕްރޮޕެގެންޑާ އަޑު އެ ސަރަހައްދުގައި ތިބި އުތުރު ކޮރެއާގެ ސިފައިންނަށާއި ބޯޑަރު ކައިރީގައި ދިރިއުޅޭ އާންމުންނަށް އިއްވުމެވެ.

އުތުރު ކޮރެއާއިން އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށް އެއްބަސްވެފައިވާއިރު އެގައުމުން ވަނީ ކުރިއަށް އޮތްތަނުގައި އެއްވެސްކަހަލަ ނިއުކްލިއަރ ޓެސްޓެއްވެސް ކުރިއަށްނުގެންދާނޭކަމަށް ބުނެފައެވެ. ބައިނަލްއަގްވާމީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި މިއީ ކޮރެއަން ޕެނިންސިއުލާ ސުލްހަވެރި މަގަކަށް ގެނައުމަށްޓަކައި ކުރިން ދުވަހަކުވެސް ނުލިބޭހާ ބޮޑެތި ކުރިއެރުންތަކެކެވެ.

އުތުރު ކޮރެއާގެ އެ އިއުލާނަށް ދުނިޔޭގެ އެކި ގައުމުތަކުންވެސް ވަނީ މަރުހަބާކިޔައިފައެވެ. އެގޮތަށް އެ ގައުމުން އިއުލާންކޮށްފައިވަނީ ކުރިއަށް މި އޮތް ހުކުރު ދުވަހު އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއާއި ދެކުނު ކޮރެއާގެ ލީޑަރު މޫން ޖައި އިން، ސުލްހައަށް މަސައްކަތްކުރުމަށްޓަކައި ދިހަ އަހަރުތެރޭ ބޭއްވޭ އެންމެ ފުރަތަމަ ވާހަކަތައް ބޭއްވުމަށް ތައްޔާރުވަމުން އަންނަނިކޮށެވެ.