އޮސްޓްރޭލިއާގެ މިނިސްޓަރ އޮފް ހޯމް އެފެއާޒް، ޕީޓަރ ޑިއުޓަން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެއްޖެއެވެ.

ޕީޓާ ޑިއުޓަން އަށް ކޮވިޑް-19 ޖެހިފައިވާކަން ހާމަކޮށްފައި ވަނީ، އޭނާ އަމިއްލަފުޅަށް މިކަމާއި ގުޅޭގޮތުން މިއަދު ނެރުނު ބަޔާނެއްގައެވެ. މީސްމީޑިއާ މެދުވެރިކޮށް ޕީޓާ އާންމު ކުރެއްވި މި ބަޔާނުގައި ވިދާޅުވެފައި ވަނީ، މިއަދު އޭނާ އެ ބައްޔަށް ފައްސި ވެފައިވާ ކަމަށެވެ.

"މިއަދު ހެނދުނު އަޅުގަނޑު ހޭލިއިރު ހުން ގަދަވުމާއެކު ކަރުތެރޭގައި ރިއްސުންފަދަ ކަންކަން ދިމާވި. އެއާއެކު ވަގުތުން ހޮސްޕިޓަލަށް ގޮސް ޓެސްޓުތައް ހެދުމުން އަޅުގަނޑު ކޮވިޑް-19 އަށް ފައްސިވެފައިވާކަން ވަނީ އެނގިފައި،" ޕީޓާގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން މިހާރު ޕީޓަރ އޮންނެވީ އޮސްޓްރޭލިއާގެ ކުއީންސްލޭންޑްގެ ހޮސްޕިޓަލެއްގައެވެ. ޕީޓާ ވިދާޅުވެފައި ވަނީ، ހޮސްޕިޓަލުގައި މި ބައްޔަށް ފަރުވާ ހޯދަމުން ގެންދަވަނީ، މި ވައިރަސް ޖެހުމުން އޮންނަ އުސޫލާއި އެއްގޮތަށް، ކުއީންސްލޭންޑްގެ ސިއްޙީ އިދާރާތަކުގެ އިރުޝާދުގެ ދަށުން ކަމަށެވެ.

 

ޕީޓާ ވިދާޅުވެފައިވާ ގޮތުގައި، ކޮވިޑް-19 އަށް ފައްސިވިނަމަވެސް އޭނާގެ ހާލު ރަނގަޅެވެ. އަދި ކުރިޔަށް އޮތް ތަނުގައި އެކަމާއި ބެހޭގޮތުން އިތުރު ވާހަކަތައް ޙިއްސާކުރަމުން ގެންދަވާނެ ކަމަށްވެސް ޕީޓާ ވިދާޅުވިއެވެ.

އޮސްޓްރޭލިއާގެ ހޯމް މިނިސްޓަރަށް ކޮވިޑް-19 ޖެހިފައިވާއިރު، އެޤައުމުން މިހާތަނަށް ޖުމްލަ 160 މީހަކަށް މި ވައިރަސް ޖެހިފައިވެއެވެ. އޭގެތެރެއިން، މިދިޔަ 24 ގަޑިއިރު ތެރޭ، މިނިސްޓަރ ޕީޓާ ހިމެނިވަޑައިގަންނަވާހެން ހަތަރު މީހަކަށް މި ވައިރަސް ޖެހިފައި ވެއެވެ. އޮސްޓްރޭލިއާ އިން މި ވައިރަސް ޖެހިގެން މިހާތަނަށް ތިން މީހަކު ވަނީ މަރުވެފައެވެ. އިދާރާތަކުން ހާމަކުރާ ގޮތުގައި، އެޤައުމުގައި ވައިރަސް ޖެހުނު އެކަކަށް ފަރުވާދެމުންދަނީ ސީރިއަސް ހާލުގައެވެ.

ކޮވިޑް-19 ގެ ނުރައްކާ އޮސްޓްރޭލިއާ އަށްވެސް މިހާރު ބޮޑުވެފައިވާއިރު، އެޤައުމުން ދަނީ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން އެންމެ ހަލުވިކަމާއެކު އެންމެ ގިނަ ބަޔަކު މި ވައިރަސްއަށް ޕޮޒިޓިވް ވެފައިވާ ޤައުމުތަކުން އެޤައުމަށް މީހުން ދަތުރު ކުރުން މިހާރު އޮތީ ހުއްޓުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަލކޮ

    ފައްސި އެއް ނޭގުނު. ޢެއީ ކޯއްޗެއް. މިޙަބަރު ލިޔުނުމީހާ އައްސިވެފަ ހުރީތަ. އަދި އެހެންނޫނަސް މިކަހަލަ ބަސް މިމުޖުތަމައުގައި ވަރައްހަޑި. މަގޭދަރި ބުނި ބައްފާ އައްސި އަރާގެންނޭމިއުޅެނީ. ޢެއީ މިކަހަލަ އެއްޗިސް ފެނަިފަ. ޢެސޮރުމެނަ އައްސިއާއި ފައްސިއާއި ނައްސި ދަސްކުރަނީ.

    8
    2
  2. ބޮޑުކަމެއްނުން

    ފައްސި ނުކިޔަބަލަ. ފައްސިއާއި ނައްސިއަކީ ދިވެހި ބަހަށްވާ ހުތުރެއް. މިއަށްވުރެ ހަޑިބަހެއް މަނުދެކެން.

    13
    1
  3. Anonymous

    އަލްހަމްދުލިﷲ