ކަޒިކިސްތާނާއި ކެންޔާ އިން ކޮވިޑް-19 ފެނިއްޖެއެވެ.

ނޫސްތައް ބުނާގޮތުގައި ކެންޔާ އިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ފައްސި ވެފައި ވަނީ އިނގިރޭސިވިލާތާއި އެމެރިކާއަށް ދަތުރުކުރުމަށްފަހު އެޤައުމަށް އެނބުރި ދިޔަ މީހެކެވެ.

ކެންޔާގެ ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެޤައުމުގެ ހެލްތު މިނިސްޓަރު މިކަން ޔަޤީންކޮށްދެއްވާފައި ވާއިރު، އޭނާ ވިދާޅުވީ، އެޤައުމުން ފުރަތަމަ ފަހަރަށް މިވައިރަސް އަށް މީހަކު ފައްސިވީ އިއްޔެ ކަމަށެވެ.

ކެންޔާގެ އިތުރުން ކަޒިކިސްތާނުން ފުރަތަމަ ފަހަރަށް ކޮވިޑް-19 ފެނިފައި ވަނީ މިއަދު އެވެ. އެޤައުމުން މިއަދު ވަނީ ދެ މީހަކު މި ވައިރަސް އަށް ފައްސި ވެފައެވެ.
ކަޒިކިސްތާންގެ ހެލްތް މިނިސްޓަރ، ނޫސް ކޮންފަރެންސެއްގައި ވިދާޅުވެފައިވަނީ އެޤައުމުން ފުރަތަމަ މި ވައިރަސް އަށް ފައްސިވި ދެމީހުންނަކީ ޖާރުމަނަށް ދަތުރުކުރުމަށްފަހު އެނބުރި ޤައުމަށް ދިޔަ ދެމީހުން ކަމަށެވެ. މި ދެމީހުންވެސް މިހާރު ކަރަންޓީނުކޮށްފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ.

ކަޒިކިސްތާނާއި ކެންޔާ އިން ކޮވިޑް-19 ފެނުމާއި އެކު މިހާތަނަށް ދުނިޔެއިން މި ވައިރަސް ފެނުނު ޤައުމުތަކުގެ އަދަދު 129 އަށް އެރީއެވެ. މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 136388 މީހަކު ވަނީ މިވައިރަސް އަށް ފައްސިވެފައެވެ.

މިހާތަނަށް މި ވައިރަސް ޖެހިގެން 4995 މީހަކު މަރުވެފައިވާއިރު، ވައިރަސް އިން 70437 މީހަކު ވަނީ ސަލާމަތް ވެފައެވެ.